މާލޭ ސަރަހައްދުން ބަލި ފެނިއްޖެނަމަ މާލެ އަންނަ މީހުން ސްކްރީން ކުރަން ފަށާނެ ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އޭނާ ވިދާޅުވީ، މާލެ އޭރިއާގައި އަދި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށާއި، މާލެ އަންނަ މީހުން ސްކްރީން ކުރުމަކީ ރިކޮމެންޑެޑް ކަމެއް ނޫން ކަމަށެވެ. މާލެއަށް އަރާ ފައިބާ މީހުން ސްކްރީން ކުރަން ފަށާނީ މާލެ ސަރަހައްދުގައި ބަލި އުޅޭ ކަމުގެ އެއްވެސް އަލާމާތެއް ލިބިފައި އޮތްނަމަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަލާމާތްތައް ނުފެންނަ މީހުން ވެސް ޕޮޒިޓިވް ވާއިރު، އެއްވެސް ސްކްރީނިން އަކުން ވެސް އެމީހުން ދެނެ ނުގަނެވޭނެ ކަމަށާއި، އެމީހުން ދެނެގަނެވޭނީ ޓެސްޓު ހަދައިގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލެ އަންނަ އެންމެން ޓެސްޓު ކުރުމަކީ މިވަގުތަށް އެންމެ ފީސިބަލް ގޮތެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވަނީ ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ދެނެގަތުމަށް ހެދުމަށް ނިންމާފައިވާ ސާވޭ ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މި ސާވޭގައި ސާމްޕަލް ނަގަން ނިންމާފައި ވަނީ އާންމުންގެ ތެރެއިން މާލެ ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލުތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކެއް ކަމަށެވެ. އެއީ އުމުރުން 5 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ 65 އަހަރުން މަތީގެ ފަރާތްތަކުގެ ވަކި އަދަދެއްގެ ބަޔަކު ރާއްޖޭގެ އެކި ސަރަހައްދު ތަކުން ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ ފްލޫ ކްލިނިކް ތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ވެސް ވަކި އަދަދަކަށް ރޭންޑަމް ސާމްޕަލިން ހެދޭނެ ކަމަށެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ބަނދަރުތައް ހުންނަ ރަށްރަށާއި ރިސޯޓްތަކުގެ ވަރަށް ގިނަ މުވައްޒަފުން އުޅޭ ރަށްރަށާއި ގެސްޓްހައުސްތައް ހުންނަ ރަށްރަށަށް ބަލައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާތް ގަނޑަކަށް 5 ރަށުގައި ރޭންޑަމްކޮށް ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ބިދޭސީންގެ ތެރެއިން ވެސް ވަކި އަދަދަކަށް ރޭންޑަމްކޮށް ސާމްޕަލެއް ނެގުމަށް ވެސް ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ވަކި އަދަދަކަށް އެންޓި ބޮޑީ ޓެސްޓިން ހެދުމަށް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.