ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ގަދަވެގެން ހިނގައިދާނެ ދުވަސްވަރެއް ކަމަށް ބުނެ، އިނގިރޭސިވިލާތުގެ ކަނާތު ފިޔައިގެ ސަޕޯޓަރަކު އާންމުކުރި ވާހަކަތަކަކާއެކު، އިސްލާމުންނާ ދެކޮޅު ފިކުރެއް އެގައުމުގައި އުފެދި ވަރުގަދަ ވަމުންދާކަމުގެ ބިރު ބޮޑުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ޓެބްލޮއިޑް އުސޫލުން ހިންގަމުންދާ "ޑެއިލީ މެއިލް"އަށް ލިޔުންތައް ލިޔެދޭ އެންޑްރޫ ޕިއާސް އާދީއްތަ ދުވަހު ކުރި ޓްވީޓްއެއްގައި ބުނެފައިވަނީ، ރަމަޟާން މަހާ ދިމާކޮށް، އާއިލާތަކުން އެއްތަންވާން ފަށައިފިނަމަ ކޮވިޑް-19ގެ ކޭސްތައް އިންތިހާއަށް އިތުރުވެގެން ހިނގައިދާނެ ކަމަށާ، ޑޮކްޓަރުން ތިބީ ކަންބޮޑުވެފައި ކަމަށެވެ.

ޕިއާސްގެ މި ޓްވީޓްއާއިއެކު ގިނަ ބައެއްގެ ނަފުރަތާ ފާޑުކިއުންތައް އޭނާއަށްވަނީ އަމާޒުވެފައެވެ.

އިނގިރޭސިވިލާތުގެ ކުޑަކުއްޖަކު ވެސްޓްމިންސްޓާ ސްކޫލަކަށް ދަނީ/ފޮޓޯ: ރޮއިޓާޒް

ކަންމިހެން އޮތްއިރު، ހަމަ އެ ދުވަހު، "ދަ ޓައިމްސް" އިންވެސް ވަނީ ޕިއާސްއާ އެއް ރޫހެއްގައި ވާހަކަތަކެއް އާންމުކޮށްފައެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ އެކުވެސް ރަމަޟާން މަހުގެ އެއްވުންތަކާއެކު ކޮވިޑް-19ގެ ކޭސްތައް އިތުރުވެގެން ހިނގައިދާނެ ކަމަށް "ދަ ޓައިމްސް" އިންވަނީ ވާކާލާތުކޮށްފައެވެ.

މި ވާހަކަތަކާ ދެކޮޅަށް އެންމެ ފާޅުގައި ވަކާލާތު ކުރައްވަމުންދާ އެކަކީ މުސްލިމް ކައުންސިލް ފޮ ބްރިޓަންގެ ތަރުޖަމާނު މިގުދާދީ ވަރުސީއެވެ. އޭނާ ވިދާޅުވާ ގޮތުގައި، މާޒީ ނުދެކޭ ވަރުގެ ދަރަޖައަކަށް ކަނާތު ފިޔައިގެ ފިކުރާ ދެކޮޅަށް އައްޑަނަ އުފުލާލަން ޖެހިފައިވާކަމަށާ، އެ ފިކުރަކީ، މުސްލިމުންނަކީ މުޖުތަމައަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރާ ފިކުރެއް ކަމަށެވެ.

ވަރުސީ ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނީއްސުރެ ހަގީގަތެއް ނެތް ވާހަކަތައް ފެންމަތިކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިސްކިތްތައް ހުޅުވާފައި ހުންނަ ވާހަކައާ، ސިއްރިއްޔާތުގައި ޖަމާއަތް ހަދައިގެން މުސްލިމުން ނަމާދުކުރާ ވާހަކައިގެ އިތުރުން، ރަމަޟާން މަހާ ދިމާކޮށް މުސްލިމުން އެއްތަނަކަށް ޖަމާވާން ވިސްނާކަމަށް އަޑު ފެތުރުން ފަދަ ކިތަންމެ ކަމެއް ހިނގާކަން ވަރުސީ ވަނީ ފާހަގަކުރައްވާފައެވެ.

ވަރުސީ ވިދާޅުވީ މިއީ ދޮގު ވާހަކަތަކެއް އެކަނި ނޫންކަމަށާ، މިއީ ނުރައްކާތެރިވެސް ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުގެ މުސްލިމު އާބާދީއިން ކުރަމުންދާ ބުރަ މަސައްކަތްތަކާ އަދާކޮށްދެމުންދާ ޚިދުމަތްތަކަށް އުނިކަން ލިބެނެވި ރޫހެއްގެ ވާހަކަތަކެއްކަންވެސް ވަރުސީ ވަނީ ފާހަގަކުރައްވާފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައިވެސް މުސްލިމުން ބައިވެރިވެއެވެ. މީގެ ތެރެއިން ބައެއް މީހުންވަނީ މި ހަނގުރާމަގައި މަރުވެ ގޮސްފައިވެސްމެއެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ނެޑީން ޑޯރީސްގެ ހަށިކޮޅުން ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ ބޮޑުވަޒީރު ބޮރިސް ޖޯންސަން (ވ) އިވެންޓެއް ކުރިއަށް ގެންދެވި ދުވަހު/ފޮޓޯ: ސްކައި ނިއުސް

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދަނީ މުސްލިމުންގެ ސަބަބުން ކަމަށް ބުނެ ކަނާތު ފިޔައިގެ ގޮފިން ޕްރޮމޯޓްކުރަމުންދާ ފިކުރާ ގުޅޭ ގިނަ ރިޕޯޓްތަކެއް، ހުސްވި މާޗް މަހުވެސް ވަނީ ރިޕޯޓްކޮށްފައެވެ. ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ ބަލިމަޑުކަން މުސްލިމުންގެ ބޮލުގައި އެޅުވުމަކީ އެއްވެސް އަސާސެއް ހުރި، ސާބިތު ނުކުރެވޭ ކަމެއް ކަމަށް، ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް ގެ ލެކްޗަރަރެއް ކަމަށްވާ ސޫރިޔާ ބީ ވަނީ ވިދާޅުވެފައެވެ.

މީހެއްގެ ދީނީ އަދި ނަސްލީ ގަބޫލުކުރުންތަކާ ގުޅިގެން އެމީހަކަށް ފާޑުކިއުމާ ފުރައްސާ އަމާޒު ކުރުމަކީ ނަފްސާނީ ގޮތުން އެމީހަކަށް ނޭދެވޭ އަސަރުތަކެއް އިންތިހާއަށް ކުރުވާ ކަމެއްކަން ފާހަގަކޮށް، އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖް އޮފް ސައިކޭޓްރިސްޓްއިން ވަނީ 2018 ވަނަ އަހަރުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.