ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އިތުރު 135 ވެންޓިލޭޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން ކުރެވެނީ މާލިއްޔަތު ގަވާއިދުގެ ދަށުން ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައަޅާފައިވާ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަބްރޫކް ވިދާޅުވީ، އިތުރު 135 ވެންޓިލޭޓަރެއް ހޯދުމުގެ މަސައްކަތް ކުރެވޭ ކަމަށާއި، އެކަން ކުރަނީ މާލިއްޔަތު ގަވާއިދުގެ ދަށުން ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައަޅާފައިވާ ގަވާއިދުގެ ތެރެއިން ކަމަށެވެ. އެގޮތުން 50 ވެންޓިލޭޓަރެއް ގެނައުމަށް ކުންފުންޏަކަށް ހަވާލު ކޮށްފައިވާއިރު 20 ވެންޓިލޭޓަރެއް ގެނައުމަށް އިތުރު އެއް ކުންފުންޏަކަށް ހަވާލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެ ވެންޓިލޭޓަރުތައް ގެނައުމަށް އެ ދެ ކުންފުންޏާއި އެކުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމަށެވެ.
"އަދި މަސައްކަތް ކުރަމުން ދަނީ ޑަބްލިއުއެޗްއޯ އިން ސޯސް ކޮށްދޭ 65 ވެންޓިލޭޓަރެއް، އައިސީޔޫގައި ބަހައްޓާ ކަހަލަ ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ޑަބްލިއުއެޗްއޯ މެދުވެރިކޮށް ސޯސް ކުރުމުގެ މަސައްކަތެއް އަޅުގަނޑުމެން ފައްޓާފައި އެބައޮތް، މިކަން ކުރުމަށް ބޭރުގެ ކުންފުންޏެއްގެ އަތުން މިކަން ކުރަން މިޖެހެނީ، މިކަން ކުރުމަށްޓަކައި ވަނީ އެޑްވާންސް ޕޭމެނެއްޓެއް ހެދިފައި. 135 ވެންޓިލޭޓަރު ގެންނަނީ ތިން ކުންފުންޏަކުން، ފައިސާ ދެއްކީ އެންމެ ކުންފުންޏަކަށް،" މަބްރޫކް ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަކާއި ގުޅޭ ބައެއް ތަފްސީލީ މައުލޫމާތުތައް މަބްރޫކް ހިއްސާ ކުރެއްވިއިރު ރާއްޖެއަށް ގެންނަން ނިންމާފައިވާ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހެލްތު މިނިސްޓަރު އަރިހުން އޮޅުން ފިލުވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު ހައިތަމް އަހުމަދު ވަނީ ސިޓީއެއް ފޮނުއްވާފައެވެ. ހައިތަމް ފޮނުއްވި ސިޓީގައި ވަނީ ވެންޓިލޭޓަރުތަކާ ގުޅޭގޮތުން އޮޅުންފިލުވަން ބޭނުން ވާ 10 ސުވާލެއް ހިމަނުއްވާފައެވެ.
އެއީ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، އެ މަސައްކަތް ކުރިއަށްދާ ޕްރޮސެސްގެ އިތުރުން، މިހާތަނަށް ވެންޓިލޭޓަރުތައް ލިބިފައި ނުވަނީ ކީއްވެތޯއާއި، އެކަމުގެ އެންމެ ފަހުގެ ހަބަރަކީ ކޮބައިކަން ހެލްތު މިނިސްޓަރުގެ އަރިހުން ސާފު ކުރުމަށެވެ.