ކޮއްދިއްޕަރުން އަލާމާތްތައް ފެނުނު މީހާ ދެވަނަ ފަހަރަށްވެސް ކޮވިޑް19 އަށް ނެގެޓިވް ވެފައިވާ ކަމަށް ކޮވިޑް19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަބްރޫކް ވިދާޅުވީ، ކޮދިއްޕަރުން ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓްރީޓޮޕަށް ގެންދިޔަ މީހާއަކީ މީގެކުރިންވެސް ކޮވިޑް19 އަށް ޝައްކުވެގެން ޓެސްޓު ކުރެވުނު މީހެއް ކަމަށެވެ. ނަމަވެސް އެމީހާގެ ސާމްޕަލް އޭރުވެސް ދެއްކީ ނެގެޓިވްކޮށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެހެންނަމަވެސް އެމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ އިތުރަށް އެމީހާ ބެލުމަށް ޑޮކްޓަރުން ބޭނުންވާތީ ކަމަށާއި އޭގެފަހުން އެމީހާގެ ދެވަނަ ޓެސްޓެއް ހަދާފައިވާ ކަމަށެވެ. އަދި އެ ޓެސްޓުގެ ނަތީޖާ ވެސް ދެއްކީ ނެގެޓިވްކޮށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ޓެސްޓުގެ ނަތީޖާ ލިބުނީ މިރޭގެ ވަގުތެއްގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް ކޮއްދިއްޕަރު އަދި މޮނީޓަރިންގެ ހާލަތަކުން ނުނަގައެވެ. މަބްރޫކް ވިދާޅުވީ އެކަން ނިންމާނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން އެކަމާއި ގުޅިގެން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 20 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. އަދި ބާކީ ފަސް މީހުންނަކީ ދިވެހިންނެވެ. އެ ބަލިން މިހާތަނަށް 13 ބިދޭސީއަކާއި އެއް ދިވެއްސަކު ވަނީ ރަނގަޅުވެފައެވެ. އަދި މިހާރު އެ ބައްޔަށް ފަރުވާ ދެމުން ދަނީ ހަތަރު ދިވެހިންނަށެވެ.