ކަރަންޓީންގައި ހުރުމަށްފަހު 14 ދުވަސް ހަމަވެ ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު އެ ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާއަށް އެ ބަލި ޖެހުނީ ރާއްޖެއިންތޯ ބަލަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، އެމީހާ ކަރަންޓީންގައި ހުރި 14 ދުވަހުގެ މުއްދަތުގައި ވެސް ބަލީގެ އެއްވެސް އަލާމާތެއް އެމީހާގެ ކިބައިން ފެނިފައި ނުވާ ކަމަށެވެ. އަދި އޭނާ ޓެސްޓު ކުރީ ކަރަންޓީނުން ދޫކޮށްލާ އެންމެން ޓެސްޓު ކުރަމުން އަންނަ އުސޫލުގެ ތެރެއިން އޭނާވެސް ކަރަންޓީނުން ދޫކޮށްލުމުގެ ގޮތުން ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
މުރާދު ވިދާޅުވީ އިއްޔެ ބަލި ޖެހުނު މީހާއާ ގުޅުންހުރި އެހެން މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެމީހާއަކީ ފިލިޕީންސް އިން ރާއްޖެ އައި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށްވާތީ އެމީހާއާ އެކުގައި ފްލައިޓުން ރާއްޖެ އައި މީހުންނާއި އެއާޕޯޓުން އެމީހާއާ ދިމާވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުރާދު ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ އެމީހާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިންތޯ ބެލުމުގެ މަސައްކަތް ކުރަނީ އެމީހާއާ އެކުގައި ރާއްޖެއަށް އައި އެއްވެސް މީހަކަށް އެ ބަލި ޖެހިފައި ނުވާތީ ކަމަށެވެ. ބަލި ޖެހުނުކަން އެނގުމުން އެމީހާ މިހާރު ވަނީ އެމީހާ މިހާރު ވަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ފަރުވާ ދިނުމަށް ބަދަލުކޮށްފައެވެ.
އެމީހާއަކީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 20 ވަނަ މީހާއެވެ. އަދި މި މީހާއަކީ ދިވެހިންގެ ތެރެއިން މިބަލި ޖެހުނު ފަސްވަނަ މީހާއެވެ. އެ ފަސް ދިވެހިންގެ ތެރެއިން އެކަކު ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަން އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން ރާއްޖެއިން މިބަލި ޖެހުނު ހުރިހާ ބިދޭސީން ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައި ކަމަށްވެސް އެޗްޕީއޭ އިން ހާމަކުރެއެވެ. ނަމަވެސް ރާއްޖެއިން ޕޮޒިޓިވް ވުމަށްފަހު ފުރައިގެން ދިޔަ 2 އިޓަލީ ފަތުރުވެރިން ބަލިން ރަނގަޅުވެފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.