ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ނަރީޓާ އެއާޕޯޓްގެ ސަރަހައްދެއް، ކާޑުބޯޑު އެނދުތަކުން ފުރާލައިފިއެވެ.

ކާޑުބޯޑު އެނދުޖަހާފައިވާ މި ޒޯންއަކީ ބައިނަލްއަގުވާމީ އެކި މަންޒިލްތަކުން ޖަޕާނަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން، ޖަޕާނު ސަރުކާރުން ކަނޑައަޅާފައިވާ ރައްކާތެރި ކަމުގެ މިންގަނޑުތަކަށް ފެތޭ ހޮޓާތަކުން ޖާގަ ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތައް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޓެސްޓުކުރެވެންދެން ތިބެން ހަމަޖެހިފައިވާ ޒޯންއެއް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ރައްޓެހިން ނުވަތަ އާއިލާ މެމްބަރުންގެ ބެލުމުގެ ދަށަށް ދިއުމަށް ވަގުތުތަކެއް ހޭދަކުރަންޖެހޭ ދަތުރުވެރިންވެސް މަޑުކުރަން ހަމަޖެހިފައިވަނީ މި ސަރަހައްދުގައި ކަމަށް ޚަބަރު ލިބެއެވެ. މި ސަރަހައްދުގައި މަޑުކުރާ ފަރާތްތަކަށް، ބޯފެނާ ލުއިކާނާ ލިބޭނެ އިންތިޒާމުވެސް ޖަޕާނުން ވަނީ ހަމަޖައްސާފައެވެ.

ކާޑުބޯޑު އެނދަކީ ކާރިސާތަކުގައި ޖަޕާނުން އާންމުކޮށް ބޭނުންކުރާ އެނދުތަކަށް ވާއިރު، މިހާރު އެފަދަ އެނދުތަކެއް ކައިރިކައިރީގައި ބޭނުންކުރުމަކީ ބަލިމަޑުކަން ފެތުރުމަށް އިތުރު އެހީއަކަށް ވެގެން ހިނގައިދާނެ ކަމެއް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި އެކަށީގެންވާ މިންވަރަކަށް ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތްވެސް ޖަޕާނުން ނުކުރާކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޖަޕާނުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 ގައުމަކާ ސަރަހައްދަކުން އަންނަ ފަރާތްތަކަށް އެގައުމަށް އެތެރެ ނުވެވޭ ގޮތަށް ހަމަޖައްސާފައެވެ. މި ނިންމުމަށް ވަކި މުހުލަތެއްވެސް ކަނޑައަޅާފައެއް ނުވެއެވެ.