އޭޝިއާގެ ފުރަތަމަ ކޮވިޑް ފްރީ ގައުމަށް ރާއްޖެ ހަދާ، "ސޭފް ޓުއަރިޒަމް" އެއް ފެށުމަށް ދިރާސާކުރަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަރުކާރުގެ އަމާޒު ހުރީ ކުރިއަށް އޮތް 3 މަސް ތެރޭގައި ރާއްޖެއަކީ ކޮވިޑް-19 ފްރީ ގައުމަކަށް ހެދުމަށް ކަމަށެވެ. އަދި މިހާރު ދަނީ އެކަމަށް ދިރާސާތަކެއް ކުރެވެމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް ފަހަތަށް ފިޔަވަޅެއް ނޭޅިއްޖެނަމަ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދިވެހިންނަށް މި ބަލިން މިންޖުވުމަށް ފުރުސަތެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އެންމެ ފުރަތަމަ އިސްކަންދޭނީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ކަށަވަރުކަން ކަމަށް އަލީ ވަހީދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭން މި އަހަރު އަމާޒު ހިފާފައިވަނީ ދެ މިލިއަން ޓުއަރިސްޓުން ގެނައުމަށް ކަމަށްވީ ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިން އައުން މުޅިން ހުއްޓިފައިވާ ކަމަށެވެ. އަދި ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ މިއަހަރުގެ ފަހު ކުއާޓާގައި ޓުއަރިސްޓުން ރާއްޖެ އަންނަން ފަށާނެ ކަމަށް އުންމީދު އެބަ އޮތް ކަމަށް އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ޔޫރަޕާއި އަވައްޓެރި ބައެއް ގައުމުތަކުގެ ހާލަތާއި އަޅާ ބަލާއިރު ރާއްޖޭގެ ހާލަތު ރަނގަޅުވުމުގެ ސިއްރަކީ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަވުން ކަމަށްވެސް އަލީ ވަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ މައިނާރުކަމުގައިވާ ޓުއަރިޒަމްގެ ދޮރު ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން މިދަނޑިވަޅުގައި ބަންދުކުރަން ޖެހުމަކީ ނުހަނު ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީންވެސް ވަނީ ވިދާޅުވެފައެވެ.