ސަރުކާރު ބަންދު މުއްދަތުގައި ސުޕްރީމް ކޯޓުގެ އިސްތިއުނާފު މުއްދަތު ނުހިނގާ ގޮތަށް ހަދާފައިވާ އިރު، ހައިކޯޓުން އެ މުއްދަތު ހިނގާގޮތަށް ނިންމާފައިވާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ސުޕްރީމް ކޯޓުން އާންމު ކުރި އުސޫލުގައި ބުނެފައިވާ ގޮތުން، ކޮންމެހެން ހުށަހަޅަން ޖެހޭ މައްސަލަތައް ފިޔަވައި އެހެން މައްސަލަތައް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފިލައި ދިއުމުން ސުޕްރީމް ކޯޓަށް ހުށަހެޅޭނެއެވެ. އަދި މި ހާލަތުގައި އިސްތިއުނާފުގެ މުއްދަތު ގުނާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސަރުކާރު ބަންދު ކުރެވުނު މުއްދަތު ނުހިމަނައިކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

ނަމަވެސް ހައިކޯޓުން އަމަލު ކުރާނެ ކަމަށް ބުނެ އެ ކޯޓުން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ސަރުކާރު ބަންދުކޮށްފައިވީ ނަމަވެސް އެ މުއްދަތުވެސް އިސްތިއުނާފު މުއްދަތުގެ ތެރޭގައި ގުނާނެކަމަށެވެ. ހައިކޯޓުން ބުނެފައިވާގޮތުގައި، މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ކުރެވިފައިވީ ނަމަވެސް އެ ދުވަސްތަކުގައި އޮންލައިންކޮށް މައްސަލަ ހުށަހެޅޭ ގޮތަށް އާންމުކޮށް އެންގިފައިވާތީ، އާންމު އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އިސްތިއުނާފު މުއްދަތު ގުނެމުންދާނެ ކަމަށެވެ.

ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތަކީ މައްސަލަ ނިންމާ ދުވަހުން ފެށިގެން ދިހަ ދުވަހެވެ. އެހެންކަމުން، ހައިކޯޓުން މިހާރު އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ސަރުކާރު ބަންދު ކުރުމުގެ ކުރިން ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލްއަކުން ނިންމާފައިވާ މައްސަލައެއް އޮންލައިންކޮށް އިސްތިއުނާފަށް ހުށަހަޅާފައި ނުވާނަމަ، ދެން އެ މައްސަލައެއް ހައިކޯޓަކަށް ހުށަނޭޅޭނެއެވެ. ނަމަވެސް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހު ވެސް، އަމިއްލަ ބާރު ނުފޯރާ މަގްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެކަމެއްގެ އިސްތިއުނާފު ގަބޫލުކުރުމުގެ އިހްތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށް ހައިކޯޓުން ބުނެއެވެ.

ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު އިސްތިއުނާފްގެ މުއްދަތުގެ ތެރޭގައި ގުނަން ހައިކޯޓުން ނިންމާފައިވާ އިރު، އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައިގަތުމުގައިވެސް ލަސްކަމެއް އުޅޭ ކަމަށް ގިނަ ގާނޫނީ ވަކީލުން ފާހަގަކުރެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ. އަދި އެ މުއްދަތު ހަމަވުމާއެކު، ދެވަނަ ފަހަރަށް ވަނީ އެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއެކު ސަރުކާރުން ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް އަދި ކިޔަވާދޭ މަރުކަޒުތައް ބަންދުކޮށްފައެވެ.