ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތް ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކުން މެދުނުކެނޑި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިން މުވައްޒަފުންނަށް އިތުރު ގަޑީ އެލަވަންސް ފައިސާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓަރީން ބުނީ، ކޮންމެހެން ދޭންޖެހޭ ހިދުމަތް ދިނުމަށް ނެރުނު މުވައްޒަފުންނަށް އިތުރުގަޑީގެ އެލަވަންސް އާއި ބަންދު ދުވަސްތަކަށްވާ ފައިސާ ލިބޭނެ ކަމަށެވެ. އަދި އިތުރުގަޑީގެ ފައިސާ ލިބޭނީ އޮފީސްތައް ނުހުޅުވާ ހުންނަ މުއްދަތުގެ ތެރޭގައި މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ނެރޭ މުވަޒަފުންނަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނަރަލް އޮފް ޕަބުލިކު ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް މަސައްކަތަށް ނެރޭ މުވަޒަފުންނާއި، ސަރުކާރު އިދާރާތަކުން ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށް އެއިދާރާގެ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން ނެރޭ މުވައްޒަފުންނަށް ވެސް އެ އިނާޔަތްތައް ދޭނެ ކަމަށްވެސްފިނޭންސްމިނިސްތްރޫީން ބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ހަމަޖެއްސުމާ އެކު، އެ މުއްދަތުގައި މުވައްޒަފުންނަށް އިތުރުގަޑީ އެލަވަންސާއި ބަންދު ދުވަސްތަކުގެ އިނާޔަތް ދިނުމުގައި ސަރުކާރުގެ އެންމެހާ އޮފީސްތަކުން އަމަލުކުރާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައްކަމުގައި ބަލާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާ ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީން މިއަހަރު ހަ ބިލިއަން ރުފިޔާ މަދުވެދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާއިރު، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރައީސާއި، ނައިބު ރައީސް ފައިސަލް ނަސީމާއި، ކެބިނެޓުގެ ވަޒީރުންގެ އިތުރުން މަޖިލިސް މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރުމަށް ވަނީ ނިންމާފައެވެ.