ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑަ-19) އަށް ޓެސްޓުކުރުމުގައި މާ ބޮޑު ދަތިތަކަކާ ކުރިމަތިލާންނުޖެހި، ފަސޭހައިން ޓެސްޓުކުރެވެން އޮތް ކަމުގައި ވީ ނަމަވެސް، ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއް އެބައޮތްކަމުގެ އިންޒާރު، ސައެންސްވެރިން ދީފިއެވެ.

ކަމާބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮވިޑް-19އަށް ޓެސްޓުކުރުމަށް ބޭނުންކުރާ ކިޓްތަކަކީ އޭގެ ނަތީޖާ، 100 ޕަސެންޓް ކަށަވަރުކޮށްދޭ ފެންވަރުގެ ކިޓްތަކެއް ނޫނެވެ. އެހެންކަމުން، ކޮވިޑް-19ގެ ޓެސްޓުން ނެގެޓިވް ކަމަށް ދެއްކި ކަމުގައި ވީ ނަމަވެސް، އެމީހެއްގެ ހަށިގަނޑުގައި ވައިރަސް ހުރެދާނެ ކަމުގެ ބިރު އެބައޮތްތަކަމުގެ އިންޒާރު، ސައެންސްވެރިން ވަނީ ދޭން ފަށާފައެވެ.

މި އިންޒާރަކީ މި ހައްސާސީ ދަނޑިވަޅުގައި ގައުމުތަކަށް ލިބިގެންދިޔަ އިތުރު ނުތަނަވަސްކަމަކަށް ވަނީ ވެފައެވެ. ދުނިޔެއަށް ބިންދާލި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ރާޅުގައި މުޅި ދުނިޔެ ގެނބެމުންދާއިރު، ބައެއް ގައުމުތަކުން މިހާރު ވަނީ އިނދަޖެހިފައިވާ އިގުތިސޯދުތައް ކޮޅަށް ޖެހުމަށް މަސައްކަތްތައް ފެށުމުގެ ގޮތުން، ކުރިން އެޅި ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން ފަށާފައެވެ.

ކޮވިޑް-19އަށް ފަރުވާ ހޯދާފައިވާ މީހަކު ޕްލާޒްމާ ތެރަޕީއަށް ލޭގެ ސާމްޕަލް ޑޮނޭޓް ކުރަނީ/ފޮޓޯ: އީޓީ ހެލްތްވާލްޑް

ކުރިން ތަންފީޒުކުރަމުންދިޔަ ކާފިއުއާއި ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް ބައެއް ގައުމުތަކުން މިހާރުވެސް ވަނީ ދޫދޭން ފަށާފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެތައް ބިލިއަން ބަޔަކަށް ގެތަކުގައި ތިބެން މަޖުބޫރުވެފައި އޮތް އިތުން ނިމުމަކަށް ގެނައުމަށް ވިސްނަމުންދިޔަ ވިސްނުމަށްވެސް، ސައެންސްވެރިންގެ މި އިންޒާރާއެކު މިވަނީ ބަދަލުގެންނަންޖެހިފައެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ހުރިހާ މަންޒިލްތަކެއްގައިހެން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ބޭނުންކުރަނީ ޕޮލީމަރޭސް ޗެއިން ރިއެކްޝަން (ޕީސީއާރް) ޓެސްޓުތަކެވެ. މިއީ ކުޅުގައި ނުވަތަ ދަވާގައި ކޮވިޑް-19ގެ އަސަރު ހުރިތޯ ބަލަން ހަދާ ޓެސްޓެކެވެ.

މިނެސޯޓާގެ މާޔޯ ކުލިނިކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިންފެކްޝަސް ޑިޒީޒް ސްޕެޝަލިސްޓެއް ކަމަށްވާ ޕްރިޔާ ސަމްޕަތުކުމާރު ވިދާޅުވީ، މި ގޮތަށް ހަދާ ޓެސްޓުތަކަށް، ވައިރަހުގެ އަސަރު ޓްރޭސްވުމާ ނުވުން، އެކަމެއްގެ މައްޗަށް ބަރޯސާވާ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ.

ކޮރޯނާ ވައިރަސްއަށް ސިއްހީ ގޮތުން ކަމުގެ މާހިރުން އެހީތެރިވަނީ / ފޮޓޯ: ޓްވިޓާ

މިކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން ޕްރިޔާ ވިދާޅުވީ، ކެއްސާ، ކިނބިހިއެޅުން އަދި އެނޫންވެސް އެފަދަ ކަމެއްގެ ޒަރިއްޔާއިން އިންސާނެއްގެ ހަށިގަނޑުން ވައިރަސް ބޭރުކުރާ މިންވަރާ، ޓެސްޓަށް ސާމްޕަލް އެއްކުރެވުނު ގޮތާ، ސާމްޕަލް ނެގި މީހާ ސާމްޕަލް ނެގީ އެފަދަ ސާމްޕަލްތައް ނަގަންޖެހޭ ރަނގަޅު ގޮތަށްތޯއާ، ޝައްކު ކުރެވޭ މީހާ ހުރި ފެސިލިޓީއިން ލެބޯޓްރީއާ ހިސާބަށް ސާމްޕަލް ދަތުރުކުރި ގޮތުގެ މައްޗަށް ނަތީޖާ ބުރަވާ ކަމަށެވެ.

އިންސާނީ އާބާދުގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތާ އަދި މިވީ 4 ވަރަކަށް މަސްދުވަސްކަމުން، މި ބަލިމަޑުކަމާ ބެހޭ ކަށަވަރު ދިރާސާތަކެއްވެސް ސާބިތު ހިފޭ މިންވަރަށް ތިޔާތްގެއް ނޫނެވެ. މިހާތަނަށް އެކުލަވާލާ، އާންމުކޮށްފައިވާ ދިރާސާތަކަކީވެސް އިބްތިދާއީ ދިރާސާތަކެއްކަން ފާހަގަކުރަންޖެހެއެވެ.

ބަލީގެ ކޭސްތައް ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާއިން ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު، ޓެސްޓުގެ ސެންސިޓިވިޓީ ނުވަތަ ސާމްޕަލްގައި ވައިރަހުގެ އަސަރު ހުރި ނަމަ ޕޮޒިޓިވްކަމަށް ނަތީޖާއިން ދެއްކުމުގެ ފުރުސަތު އޮތީ ގާތްގަނޑަކަށް 60-70 ޕަސެންޓްއާ ދެމެދު މިންވަރެއްގައެވެ.

ކޮވިޑް-19އާއި ގުޅިގެން ޓާސްކް ފޯސްއިން ބޭއްވުނު ޑްރިލްގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ތައްޔާރުވެފައި ނެތްހާ ބޮޑު ބަލިމަޑުކަމަކާ ކުއްލި ގޮތަކަށް މުޅި ދުނިޔެ ކުރިމަތިލުމާއެކު ސިއްހީ އާލާތްތަކަށް އޮތް ޑިމާންޑް އިންތިހާއަށް އިތުރުވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ އެކި ހިސާބުތަކުން އެކި ކުންފުނިތަކުން ދަނީ ތަފާތު އެކި ކަހަލަ ޓެސްޓު ކިޓްތައް އުފައްދާ، ބާޒާރަށް ނެރެމުންނެވެ. އެހެންކަމުން، ނަތީޖާ ސައްހަކަން ކަށަވަރުވަނީ ކަނޑައެޅިގެން ކިތަށް ޕަސެންޓްއަށް ކަން ބުނަންވެސް ދައްޗެވެ.

ސެންސިޓިވިޓީ 90 ޕަސެންޓްއަށް އިތުރުވި ކަމުގައި ވީ ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނުރައްކާ ކުޑަވެގެން ނުދާނެ ކަމަށް، މާޔޯ ކްލިނިކް ޕްރޮސީޑިންގްސްގައި އާންމުކޮށްފައިވާ ކަރުދާހެއްގައި ޕްރިޔާ ފާހަގަކުރެއްވިއެވެ.

ކެލިފޯނިއާއަށް މިސާލު ޖައްސަވަމުން ޕްރިޔާ ވިޑާޅުވީ، މިއަހަރުގެ މޭ މަހުގެ މެދަކާ ހިސާބަށް އަންނައިރު ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްތަކުގެ މިންވަރު 50 ޕަސެންޓް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. 40 މިލިއަން މީހުންގެ ތެރެއިން އެންމެ 1 ޕަސެންޓް މީހުން ޓެސްޓު ކުރި ކަމުގައި ވީ ނަމަވެސް، 'ފޯލްސް ނެގެޓިވް' ނުވަތަ ހަށިގަނޑުގައި ވައިރަސްހުރެމެ، ނެގެޓިވް ކަމަށް ދައްކާ ކޭސްތަކުގެ އަދަދު 20000 އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ޕްރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިއީ ކޮވިޑް-19އަށް ހަދާ ހަމައެކަނި ޓެސްޓަކަށް ބަރޯސާވުން ދޫކޮށްލުމަށް ޑޮކްޓަރުންނަށް މަޖުބޫރުކުރވާ ވަރުގެ ހޯދުމެކެވެ. އެހެންކަމުން، ޝައްކު ކުރެވޭ މީހާގެ ކިބައިން ފެންނަ އަލާމާތްތައް ރަނގަޅަށް ބަލާ، މާޒީގައި އެމީހަކު އެ ވައިރަހަށް ހުށަހެޅިފައިވޭ ތޯ ނުވަތަ ނުވަތަ ނޫންތޯވެސް ކަށަވަރު ކުރަންޖެހެއެވެ. އަދި ބަލި ދެނެގަތުމަށް އިތުރު ތަހުލީލުތަކެއް ލެބްޓްރީތަކުގައިވެސް ކުރިއަށް ގެންދަންޖެހޭކަން ދާއިރާގެ ފަންނީ ތަޖުރިބާކާރުން ދަނީ ފާހަގަކުރަމުންނެވެ.

ހުރިހާވެސް އެއްޗަކީ ވަގުތު

ކޮވިޑް-19އަށް ހަދާ ޓެސްޓުތަކާ މެދު އެންމެ ބޮޑު ސުވާލެއް އުފެދޭ އަނެއް ސަބަބަކީ، ހަށިގަނޑުގައި ވައިރަހުގެ އަސަރު އެންމެ ގަދައަށް ހުންނަ ސަރަހައްދު ދެނެގަތުމުގައި ގޮންޖެހުމަކާ ކުރިމަތިލާންޖެހުމެވެ. ހަށިގަނޑުގައި އެންމެ ގަދައަށް ވައިރަސް ހަރުލާފައި ހުންނާނީ އަބަދު އެއްތާކު ނޫނެވެ.

އެންމެ އާންމުކޮށް ސާމްޕަލް ނަގަނީ ނޭފަތުގެ އެންމެ އެންމެ އެތެރެއިން، ކަރާ ގުޅޭ ހިސާބުންނެވެ. މިއީ ވަރަށް ތަޖުރިބާކާރު މީހަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. ފޯލްސް ނެގެޓިވް ނަތީޖާއެއް ލިބުމުގައި، ނުރަނގަޅު ގޮތަކަށް ސާމްޕަލް ނެގިފައި އޮތުމުގެ ދައުރެއްވެސް އޮވެއެވެ.

ކޮވިޑް-19އާއި ގުޅިގެން ޓާސްކް ފޯސްއިން ބޭއްވުނު ޑްރިލްގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ރަނގަޅަށް ސާމްޕަލް ނެގި ކަމުގައިވީ ނަމަވެސް ނެގެޓިވް ނަތީޖާއއް ނިކުމެދާނެއެވެ. މިކަން މެދުވެރިވަނީ ބަލި ދަތުރުކުރާ ގޮތުގެ ސަބަބުންނެވެ. އެގޮތުން ބަލީގެ ކުރީކޮޅު އެންމެ ބޮޑަށް އަސަރު ހުންނާނީ ނޭވާލާ ނިޒާމުގެ މަތީ ބައިތަކުގައެވެ. އަދި ދުވަސްވާ ވަރަކަށް، ބަލިގަނޑު ދާނީ ތިރިއަށް ޖެހެމުންނެވެ.

މިފަދަ ހާލަތްތަކުގައި ޕޭޝަންޓް ނުވަތަ ޝައްކުކުރެވޭ މީހާ ލައްވާ، ފުއްޕާމޭގެ އެންމެ އަޑިން ދަވަ އަންނަވަރަށް ކެއްސުވުންވެސް އެކަށީގެންވެއެވެ. ނުވަތަ އެމީހަކު ހޭނައްތައިގެން ކުޑަ ފެޅުމަކާއެކުވެސް ސާމްޕަލް ނަގަންޖެހިދާނެއެވެ.

ބޯލްޓިމޯގައި ހުންނަ ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ އެމާޖެންސީ ފިޒީޝަން ޑރ ޑެނިއަލް ބްރެނާ ވިދާޅުވާ ގޮތުގައި މިއީ ކުޑަ ފެޅުމެކެވެ. މި ފެޅުމުގެ އެހީގައި ފުއްޕާމެއިން ދިޔަ ނަގައިގެން ކޮވިޑް-19އަށް ޓެސްޓުކުރެއެވެ.

ނޭފަތުން ސާމްޕަލް ނަގައިގެން 3 ފަހަރު ޓެސްޓު ހެދުމުންވެސް ނެގެޓިވް މީހެއްގެ ހަށިގަނޑުގައި މިފަދަ ފެޅުމެއް ފަޅައިގެން ސާމަޕަލް ނަގައިގެން ޓެސްޓުކުރިއެވެ. އެއީ އެމީހާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަމުންދާތީއެވެ. މި ގޮތަށް ފަޅައިގެން ސާމްޕަލް ނަގައިގެން ހެދި ޓެސްޓުން، އެމީހާ ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެއްވެސް ޓެސްޓެއް އެންމެ ފުރިހަމަ ނުވާ

ލެބްތަކުން ނުބައި ނަތީޖާއެއް ނެރުމަކީ އާ ކަމެއް ނޫނެވެ. އެއްވެސް ޓެސްޓަކީ އެންމެ ފުރިހަމައަށް ހަދާ ޓެސްޓެއް ނޫންކަން، ދާއިރާގެ ފަންނީ ތަޖުރިބާކާރުންވެސް ގަބޫލުކުރެއެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންނަށް ސިއްހީ ފަރުވާދެމުން ދަނީ / ފޮޓޯ: އޭނިއުސް24

ޕްރިޔާ ވިދާޅުވާ ގޮތުގައި، ކޮވިޑް-19 ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މިއީ މުޅި ދުނިޔެއަށްވެސް މުޅިން އާ ބަލިމަޑުކަމަކަށްވާކަމެވެ. އާންމުކޮށް ހަދާ ޓެސްޓުތަކާ ބެހޭ ބައިވަރު އިރުޝާދުތައް ހުރެއެވެ. ޓެސްޓު މާނަ ކުރާނެ ނިޝާންތަކާ އިންޒާރުތަކެއްވެސް ދީފައި ހުރެއެވެ.

ކޮވިޑް-19ގެ ހާލަތު ތަފާތެވެ. ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާއިރު ފޯލްސް ނެގެޓިވް ނަތީޖާއެއް ލިބި އެމީހަކީ މުޖުތަމައަށް ދޫކޮށްލަން ރައްކާތެރި މީހެއްކަމަށް ހީވެއްޖެނަމަ އާބާދީގެ ތެރެއަށް ދޫކޮށްލެވުނީ އެ ޕޮޒިޓިވް ކޭހެކެވެ. އެތައް ބަޔަކަށް އޭނާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ފަހިކޮށްދެވުނީއެވެ.

ވެކްސިންއެއް އުފެއްދުމުގެ މަސައްކަތުގައި ލެބެއްގައި ޓެކްނީޝަނަކު ހަރަކާތްތެރިވަނީ/ފޮޓޯ: ބީބީސީ

ކަންމިހެން އޮތްއިރު ކުޑަނަމަވެސް އުއްމީދެއް އޮތީ ސެރޯލޮޖިކަލް ޓެސްޓުތަކުގައެވެ. އެއީ ވައިރަހާ ގުޅިގެން އެމީހެއްގެ ހަށިގަނޑުގައި އުފައްދާ އެންޓިބޮޑީޒް ދެނެގަނެގެން ހަދާ ޓެސްޓެކެވެ. އެއީ އެމީހަކު ވައިރަހަށް އިންފެކްޓްވެ، ރަނގަޅުވެފައި ހުއްޓަސް ބަލިޖެހުނުކަން އަންގައިދޭނެ ޓެސްޓެކެވެ. މިފަދަ ޓެސްޓަކީ ޕީސީއާރް ޓެސްޓަކުން ފޯލްސް ނެގެޓިވް ވެފައިވާ މީހަކު ދެނެގަތުމަށްވެސް އެހީވެދޭނެ ޓެސްޓެއްކަން ފާހަގަކުރަންޖެއެވެ. ނަމަވެސް މިއީވެސް ކިހާ ފެންވަރެއްގެ ނަތީޖާއެއް ނެރޭނެ ޓެސްޓެއް ކަމާ މެދު ކަށަވަރުކޮށް އެއްޗެއް ބުނާކަށް ސައެންސްވެރިންނާ ފަންނީ ތަޖުރިބާކާރުންނަކަށްވެސް ނޭނގެއެވެ.