ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން މާ ބޮޑު ހޯދުންތަކެއް އަދިވެސް ކަށަވަރުކޮށް ހޯދިފައި ނުވިނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިރާސާ ޓީމުތައް އިއްތިފާގުވާ އެއްކަމެއް އޮވެއެވެ. އެއީ ދޮށީ އުމުރުގެ މީހުންނަށް މި ދުވަސްވަރު ހާއްސަ ސަމާލުކަމެއް ދީ، ބަލިން ދިފާއުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައި ވާކަމެވެ. ދޮށީ އުމުރުގެ މީހުންނަކީ ކޮވިޑް-19ގެ ބަލީގައި އެންމެ ނުރައްކާ ގިންތީގައި ހިމަނާފައިވާ އުމުރުފުރާއަކަށްވާއިރު، މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.
ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިންއެއް ހޯދިފައި ނުވާއިރު، ކަނޑައެޅިގެން ވަކި ފަރުވާއެއްވެސް އަދި ހޯދިފައެއް ނުވެއެވެ. އެތައް މިލިއަން ބަޔަކަށް މަޖުބޫރުވެފައިވަނީ އިޖުތިމާއީ ގައިދުރުކަން އިހުތިޔާރުކޮށް، ގެތަކުގައި ބަންދުވެގެން ތިބުމަށެވެ. ވަކިން ހާއްސަކޮށް ދޮށީއުމުރުގެ މީހުންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން މިވަގުތު އެންމެ ނުރައްކާވެފައިވަނީ ވިލާތު ބައްރުގައެވެ. މި ބަލީގައި ވިލާތު ބައްރުން މަރުވި މީހުންގެ އަދަދު 75000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު ވިލާތު ބައްރަކީ ނިސްބަތުން ދޮށީ އުމުރުގެ އާބާދީ ބޮޑު ބައްރެއްވެސްމެއެވެ. ކަންމިހެން އޮތްއިރު، އަހަރުގެ ބާކީ ދުވަސްވަތަކަކީ ދޮށީ އުމުރުގެ މީހުން ގެތަކުގައި އެކަހެރިވެ، އައިސޮލޭޓްވެގެން ތިބެންޖެހިދާނެ ދުވަސްތަކެއް ކަމުގެ އިންޒާރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިސްވެރިޔާ އާސެލާ ވޮން ޑެ ލެޔެން ވަނީ ވިދާޅުވެފައެވެ.
ޖަރުމަނުވިލާތުގެ ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އީޔޫގެ އިސްވެރިޔާ ވިދާޅުވީ، ކޮވިޑް-19އަށް ވެކްސިންއެއް ލިބިފައިނުވާހާ ހިނދަކު، ދޮށީ އުމުރުގެ މީހުން ގެންގުޅެންޖެހޭނީ ވީހާވެސް އެކަހެރިކޮށްކަމަށެވެ. އާސެލާ ވިދާޅުވީ، މިގޮތަށް އެހެރިކޮށްގެން ގެންގުޅުމަކީ އުނދަގޫ އަދި ބުރަބޮޑު ކަމެއް ކަމަށާ، ނަމަވެސް މިއީ ދިރިހުރުމާ މަރާ ގުޅިފައިވާ ފިޔަވަޅެއް ކަމަށެވެ. މިއީ ކެތްތެރިކަމާއެކު "ބަސްއަހައިގެން" ތިބެންވީ ވަގުތު ކަމަށްވެސް އާސެލާ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19ގެ ވެކްސިންގެ ވާހަކަދައްކާއިރު، އާސެލާ ވިދާޅުވީ ވިލާތުގެ ލެބެއްގައި ތަރައްގީ ކުރަމުންދާ ވެކްސިންއެއް މިއަހަރު ނިމުމުގެ ކުރިން ނެރެވޭ ވަރު ވާނެ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19ގެ ޝިކާރައަކަށްވީ މީހުންގެ އަދަދު 1.7 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 107000 އަށްވުރެ މައްޗަށް އަރާފައެވެ.