އޯ ޕޮޒިޓިވާއި ބީ ޕޮޒިޓިވް ލެއަށް ބޭނުން ޖެހިގެން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން އިއުލާން ކޮށްފިއެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެއިންވެސް ފެނިފައި ވާއިރު، ރާއްޖެއިން ލޭ ލިބުން ވަނީ ދަތިވެފައެވެ. އެކަމާ ގުޅިގެން ގިނަ ފަރާތްތަކަކުން ލޭ ހަދިޔާ ކޮށްފައިވީ ނަމަވެސް، އޯ ޕޮޒިޓިވް އަދި ބީ ޕޮޒިޓިވް ލޭގެ ސްޓޮކް ދަށް ވަމުންދާތީ، މި ދެ ވައްތަރުގެ ލޭ ހޯދުމަށް އެ ސާވިސް އިން ވަނީ އިއުލާނު ކޮށްފައެވެ.

އެ ސާވިސް އިން ބުނީ، ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ހަވީރު 3:00 އަށް އެ ސާވިސް ހުޅުވާފައި ހުންނާނެ ކަމަށެވެ.

ލޭ ލިބުންދަތިވެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ދަތުރުކުރުން މަނާކޮށްފައި ވުމާވެސް އެކުއެވެ. އެގޮތުން، ލޭ އަޅާ ކުދިންނަށް އެންމެ ބޮޑަށް ލޭ ހޯދުމުގައި އެހީތެރިވާ ބަޔަކީ ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނެވެ. ބްލަޑް ސާވިސް އިން ވަނީ ލޭ ހަދިޔާ ކުރުމަށް އެދި މިމަހު 3 ވަނަ ދުވަހު ވެސް އިއުލާނެއް ކޮށްފައެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ ތެލެސީމިއާ ސެންޓަރުން އިސް ނަގައިގެން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނުތައް ކުރިޔަށް ގެންދަމުންނެވެ. އަދި ބަލްޑް ސާވިސް އިން ވެސް އަންނަނީ ތަފާތު އެކި ކޭމްޕްތައް ބާއްވަމުންނެވެ.