ހަފުތާ މަޖައްލާގެ ދުނިޔޭގައި އެންމެ ނުފޫޒުގަދަ އެއް ނޫހުގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ "ޓައިމް" މެގަޒިންގެ މި ހަފުތާގެ އަދަދުގެ ބޭރު ފީޗާ ސޮފުހާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ "ބަތޮލުންނަށް" ހާއްސަ ކޮށްފިއެވެ.

"ޓައިމް" މެގަޒިންގެ އެންމެ ފަހުގެ އަދަދަށް ހާއްސަކޮށްގެން ތަފާތު 5 ފަރުމާއެއްގައި ބޭރު ސޮފުހާ ވަނީ އާންމު ކޮށްފައެވެ. މި ފަރުމާތަކުގައި ފީޗާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޕެރަމެޑިކްސްއާއި ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން ކެފެޓީރިއާގައި މަސައްކަތްކުރާ ފަރާތްތައްވެސް ހިމަނާފައި ވެއެވެ.

މިފަހަރުގެ އަދަދުގައި ހިމަނާފައިވާ ބައެއް ހަގީގީ ވާހަކަތަކަށް ބަލާއިރު، އޭނާ ދުއްވަމުން ދިޔަ ބަހަށް އެރި ފަސެންޖަރެއްގެ ކިބައިން އެހެން ފަސެންޖަރުން (ކޮވިޑް-19އިން) ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި މަރުވި ބަސް ޑްރައިވަރުގެ ހުވަފަތް އަނބިމީހާގެ ވާހަކަތަކާ، އެމެރިކާގައި މަސައްކަތް ކުރާ އޭޝިއާ ދަރިކޮޅުގެ ޑޮކްޓަރަކަށް މިހާރުވެސް ވަޒީފާގެ މައިދާނުގައި ކުރިމަތިލާން ޖެހިފައިވާ ފިއްތުންތަކާ ތަފާތު ކުރުން ތަކުގެ ވާހަކަ ފާހަގަ ކުރެވެއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުން ލިބެމުންދާ އެންމެ ފަހުގެ މަންޒަރުތައް ގެނެސްދިނުމުގައި ބޮޑެތި ނޫސް އިދާރާތަކާ މަޖައްލާތަކުން މިހާރު ބަރޯސާ ވަމުން ދަނީވެސް ސިއްހީ ހިދުމަތްތެރިން ކުރަމުން ދާ ރިޕޯޓްތަކާ، އާންމު ކުރަމުންދާ މަންޒަރުތަކުގެ މައްޗަށް ކަން ފާހަގަ ކުރަން ޖެހެއެވެ.