މުނިފޫހިފިލުވުމުގެ ދާއިރާ ދުށް އެންމެ ކާމިޔާބު ޓީވީ ސީރީޒްގެ މަގާމުގައި އަދިވެސް އޮތް "ފްރެންޑްސް" ޝޯގެ ރީޔުނިއަންއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ކުރަމުންދިޔަ ފޮނި އުއްމީދުތައް ވިއްސިވިހާލިވެއްޖެއެވެ.

ލިބިފައިވާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު، އެޗްބީއޯ މެކްސް ލޯންޗުކުރުމާ ދިމާކޮށް "ފްރެންޑްސް ރީޔޫނިއަން" އެޕިސޯޑްއެއް ބްރޯޑްކާސްޓް ކުރަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، އެކަން އެހެން ވާން ނެތެވެ.

މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އެޕިސޯޑް، އެޗްބީއޯ މެކްސްގެ ލޯންޗިންގްއާއިއެކު އާންމު ކުރެވެން ނެތްކަމަށާ، އެ އެޕިސޯޑް ޑިލޭކޮށްފައިވާކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެއެވެ. "ފްރެންޑްސް ރީޔޫނިއަން" އެޕިސޯޑް ފަސްކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ކަމަށްވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މި އެޕިސޯޑްގެ މަސައްކަތްތައް ވަނީ އެކީ އެކައްޗަކަށް މަޑުޖައްސާލާފައެވެ. އަދި މުޅި ދުނިޔެއަށް ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ކުރިން، އެޕިސޯޑްގެ އެއްވެސް މަންޒަރެއް ޝޫޓްކޮށްފައި ނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެޗްބީއޯ ކުންފުނިން ބުނީ އެޗްބީއޯ މެކްސްގެ ލޯންޗިންގްގައި ރީޔޫނިއަން އެޕިސޯޑް ނުހިމެނުނެއް ކަމަކު، ފަހުގެ ތާރީހެއްގައި އެ އެޕިސޯޑް ފެނިގެންދާނެ ކަމަށެވެ.

10 އަހަރަށް ދެމިގެންދިޔަ ސީރީޒް ކާމިޔާބު ކަމާއެކު ނިންމާލީ 2004 ވަނަ އަހަރުއެވެ.