ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި އަލަށް އުފަންވާ ކުދިން ވައިރަހުން ސަލާމަތް ކުރުމަށް އެކުޑަކުޑަ މޫނުތަކުގައި ފޭސް ޝީލްޑް އެޅުވުމުގެ މަސައްކަތް، ތައިލޭންޑްގެ ހޮސްޕިޓަލަކުން ފަށައިފިއެވެ.

ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ޕްރަރާމް 9 ހޮސްޕިޓަލުގައި އަލަށް އުފަންވާ ކުދިންގެ މޫނުގައި ފޭސް ޝީލްޑް އެޅުވުމުގެ މަސައްކަތް ފެށީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންނެވެ. މެޓާނިޓީ ވޯޑުގެ ނަރުހުންގެ މި މަސައްކަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. ނަމަވެސް އަނެއް ބަޔަކު ދަނީ މިފަދަ ފިޔަވަޅެއްގެ ސަބަބުން ރައްކާތެރިކަން ކަށަވަރުވާނެތޯ ސުވާލު އުފައްދަމުންނެވެ.

ތައިލަންޑްގައި އަލަށް އުފަންވި ކުއްޖަކު ފޭސް ޝީލްޑް އަޅުވާފަ/ފޮޓޯ: ސޯޝަލް މީޑިއާ

އެއްވެސް ފިޔަވަޅެއް ނޭޅުމަށްވުރެ ކޮންމެވެސް ކަމެއް ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލުކުރެވެއެވެ. ނަތީޖާއަކަށްވީ، އިތުރު ހޮސްޕިޓަލަކުންވެސް މިކަން މިގޮތަށް ކުރަން ފެށުމެވެ.

ފޭސް ޝީލްޑް އަޅުވާފައިވާ ތުއްތު ކުދިންގެ ފޮޓޯތައް ބަލާލަން ކިތަންމެ ލޯބި ނަމަވެސް، އެކުދިން އުފަންވެފައިވާ މި ވެށީގައި މިވަގުތު ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމުގެ ބިރުވެރިކަން ހިތަށް ވެރިކުރުވާ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ތައިލޭންޑްގެ އަދުގެ ހާލަތަށް ބަލާއިރު، 2518 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި، އެގައުމުން 35 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.