މިއަހަރުގެ ސެޕްޓެމްބަރު މަހާ ހިސާބުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް ލިބިދާނެ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރެއް ހާމަކުރައްވައިފިއެވެ.

ވެކްސިނޮލޮޖީ ޕްރޮފެސާ ސޭރާ ގިލްބާޓް ވިދާޅުވީ، އޭނާއާއި ޓީމުން ތައްޔާރުކުރަމުންދާ ކޮވިޑް-19 ވެކްސިން އަކީ ކާމިޔާބު ވެކްސިންއަކަށްވާނެ ކަމުގެ 80 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.

ސޭރާ ގިލްބާޓްގެ ޓީމަކީ، ކޮވިޑް-19އަށް ވެކްސިންއެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގައި ޝާމިލުވާ ޓީމެކެވެ.

ޕްރެފެސާ ގިލްބާޓް ވިދާޅުވީ، އޭނާގެ ޓީމުން ތައްޔާރުކުރާ ވެކްސިން އިންސާނުންގެ ގައިގައި ޓެސްޓުކުރުމުގެ މަސައްކަތް، ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި ހަފުތާގެ 7 ދުވަހު މަސައްކަތް ކުރަމުންދާކަމަށްވެސް ޕްރޮފެސާ ގިލްބާޓްވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ޚަރީފު މޫސުމަށް ވެކްސިންއެއް ނެރެވޭނެ ކަމަށް ބުނި ނަމަވެސް، މިއީ އޭނާވާ ވައުދެއް ނޫންކަމަށްވެސް ޕްރޮފެސާ ސޭރާ ގިލްބާޓް ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ޓީމަކުންވެސް ވަނީ އިންސާނުންގެ ހަށިގަނޑުގައި ވެކްސިންއެއް ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައެވެ. މި ވެކްސިން އެންމެ އަވަހަށްވެސް ބާޒާރަށް ނެރެވޭވަރުވާނީ 18 ވަރަކަށް މަސްދުވަހުން ފަހުންނެވެ. އެއީވެސް ކާމިޔާބު ވެއްޖެނަމައެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގައިވެސް ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަމުންދާ ދަނޑިވަޅަކަށްވާއިރު، އެންމެ ފުރިހަމަ ގޮތުގައި ވެކްސިން ޓެސްޓު ކުރުމަށް ހުރަސްތަކަކާ ކުރިމަތިލާންޖެހެއެވެ.

ހުސްވި ހަފުތާގައި ސައުތެމްޓަން ޔުނިވާސިޓީގެ ޓީމަކުންވަނީ، ކޮވިޑް-19 ޖައްސާ ވައިރަހަކީ މާ ވަރުގަދަ އައްޑަނައެއް އުފުލާ ވައިރަހެއް ނޫންކަމަށާ، އެހެންކަމުން ވެކްސިންއެއް ތައްޔާރުކުރުން ފަސޭހަވާނެކަމަށް ބުނެފައެވެ.