ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަނގުރާމަކުރަމުންދާ ސިއްހީ ހިދުމަތްތެރިންގެ ހަށި ރައްކަލަކަށް ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ)ގެ އަލާތްތައް އެކަށީގެންވާ މިންވަރަށް ލިބެމުން ނުދާކަމަށް ބުނެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސްއަށް އިންޒާރު ކުރި ޑޮކްޓަރު، ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވެއްޖެއެވެ.

ޔޫރޮލޮޖިސްޓެއްގެ ގޮތުގައި ހިދުމަތްކުރަމުންދިޔަ އުމުރުން 53 އަހަރު ޑރ ޢަބްދުލް މަބޫދު ޗޯދްރީ މަރުވީ، ރޮމްފާޑްގައި ހުންނަ ކުއީންސް ހޮސްޕިޓަލުގައެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރުމުގެ 5 ވަރަކަށް ދުވަސްކުރިން އޭނާވަނީ، ސިއްހީ ހިދުމަތްތެރިންނާ އެމީހުންގެ އާއިލާތައް ރައްކާތެރި ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ޕީޕީއީ ބޭނުންވާކަން ހާމަކޮށް، އެފަދަ އާލާތްތައް ފޯރުކޮށްދިނުމަށް އެދިފައެވެ.

ޑރ ޗޯދްރީގެ ފިރިހެން ދަރިފުޅު އިންތިސާރު ބުނީ، އޭނާގެ ބައްޕަ ފޭސްބުކް މެދުވެރިކޮށް އެ އާދޭސް ލިޔުނީވެސް ނުހަނު ވޭނުގައި އޮވެގެން ކަމަށެވެ. އޭނާގެ ބައްޕައަކީ އޯގާތެރި، އަނެކުންނަށް ހަމްދަރުދީވާ ބަތޮލެއްކަމަށް ސިފަކުރަމުން އިންތިސާރު ބުނީ، އެ ހާލުގައިވެސް ބައްޕަ ކުރި ޕޯސްޓަކީ، އެކުގައި މަސައްކަތްކުރަމުންދިޔަ އެހެން މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ ނިޔަތުގައި ކުރި ޕޯސްޓެއް ކަމަށެވެ. އަދި ސަރުކާރުގައި ހުރި މައްސަލަތަކެއް ފާހަގަކޮށްދޭން ކެރުނީތީ ބައްޕައާ މެދު ފަޚްރުވެރިވާކަމަށްވެސް އިންތިސާރު ވަނީ ބުނެފައެވެ.

ކޮވިޑް-19އާ ގުޅިގެން ޕީޕީއީ ހޯދުމަށް ވަކާލާތު ކުރި ޔޫރޮލޮޖިސްޓް ޑރ ޢަބްދުލް މަބޫދު ޗޯދްރީ،53، ގެ ދަރިފުޅު އިންތިސާރު/ފޮޓޯ: ބީބީސީ

މިމޭރުމުން ވާހަކަދައްކަމުން އިންތިސާރު ބުނީ އޭނާގެ ބައްޕައަކީ މިފަދަ ގޮތަކަށް މަރުވެދިޔަ ފުރަތަމަ މީހާ ނޫންކަމަށާ، އަދި އެއީ އެންމެ ފަހު މީހާ ކަމަށް ބުނަންވެސް ދަތިކަމަށެވެ.

އީސްޓް ލަންޑަންގެ ހޮމާޓަން ޔުނިވާސިޓީ ހޮސްޕިޓަލުގައި މަސައްކަތްކުރައްވަމުން ގެންދެވި ޑރ ޗޯދްރީ، ކޮވިޑް-19ގެ ޝިކާރައަކަށްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ މާޗް 23 ވަނަ ދުވަހުއެވެ.

ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން (ބީއެމްއޭ) ގެ ޗެއާމަން ޑރ ޗާންދް ނާގްޕޯލް ވިދާޅުވީ، ޕީޕީއީއަށް އެދި ވަކާލާތުކޮށްފައިވަނިކޮށް، މި ބަލީގައި ޑރ ޗޯދްރީ މަރުވެދިއުމަކީ އިންތިހާއަށް ހިތާމަހުރި ކަމެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއާއިންވަނީ، ޕީޕީއީ އުފައްދާ ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ސިއްހީ ހިދުމަތްތެރިންނަށް ޕީޕީއީ ބޭނުންވާނަމަ އެކަމަށް އެދި ގުޅާނެ ހޮޓްލައިނެއްވެސް ގާއިމުކޮށްފައިވާނެ ކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ.

ކަންމިހެން އޮތްއިރު، ޕީޕީއީ ލިބުމުގައި ދުނިޔޭގެ ފެންވަރުގައިވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ސިނާއީ ފެންވަރުގައި މިފަދަ އުފެއްދުންތައް ތައްޔާރުކުރާ ގައުމުތަކަށް ބޭނުންވާ މިންވަރަށްވެސް މިތަކެތި ލިބުމުގައި ބޮޑެތި ތަކެތިކެއް އެބަހުއްޓެވެ. އެހެންކަމުން މިއީ ރާއްޖެ ފަދަ މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އިއުލާންކޮށްފައިވާ ފިޔަވަޅުތަކަށް ކިޔަމަންވެ،ފަރުދީ ފެންވަރުގައިވެސް ޒިންމާދާރު މީހަކަށް ވާންޖެހެއެވެ.