ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ އިންޒާރު، އދއިން ދީފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު ވިޔަފާރިތައް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. ލޮކްޑައުންގެ އަމުރާއެކު އިތުރު މަސައްކަތްތައް ވަނީ ހުއްޓިފައެވެ. މިއާއެކު ސަޕްލައި ޗޭނުތަކުގެ ސިލްސިލާ މެދުކެނޑި، ކާބޯތަކެތީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގައި މިވަނީ ސުވާލުމާކު ޖެހިފައެވެ.

ކާބޯތަކެއްޗާ ދަނޑުވެރިކަމާ ބެހޭ އދގެ އިދާރާ – އެފްއޭއޯއިން އާންމުކުރި ރިޕޯޓެއް ބުނާ ގޮތުގައި ސުޕަމާކެޓްގެ ހަރުގަނޑުތަކުގައި މިވަގުތު ކާބޯތަކެތި އެބަހުއްޓެވެ. ނަމަވެސް، ބަލިމަޑުކަން ދިގުލާ ދާން ފަށާއިފިނަމަ ކާބޯތަކެތި ސަޕްލައި ޗޭނަށް ބާރު ބޮޑުވެގެންދާނެކަމަށްވެސް އެ ރިޕޯޓްގައި ވަނީ އިންޒާރުކޮށްފައެވެ.

ރަމަޟާން މަހުގެ ރޯދަ ވީއްލަ ގަޑީގައި ސުފުރާ މައްޗަށް ފޮނި ބުއިމެއް ސާވްކުރަނީ/ފޮޓޯ: އައި.އޭ.އެން.އެސް

ކާބޯތަކެތީގެ ސަޕްލައި ޗޭނުގައި ހިމެނެނީ ދަނޑުވެރިންނާ، ދަނޑުބިންތަކަށް އެކި މުދަލާ އާލާތްތައް ސަޕްލައިކުރާ ފަރާތްތަކާ، ދަނޑުބިންތަކުން ގޮވާން ކަނޑާ މީހުންނާ، އެތަކެތި ކާބޯތަކެތީގެ ގޮތުގައި ތައްޔާރުކުރާ ޕްލާންޓް ނުވަތަ ކާރުހާނާތަކާ، ޝިޕިންގް ކުންފުނިތަކާ، އާންމުންނާ ހިސާބަށް އެ މުދާ ގެނެސްދޭ ވިޔަފާރިވެރިންނެވެ.

މިވަގުތަށް އޮތީ ކާބޯތަކެތީގެ ދަތިކަމުގެ މައްސަލަ ނުވަތަ ކާބޯތަކެތި ނެތުމުގެ މައްސަލައެއް ނޫނެވެ. އަދުގެ ހާލަތު މެދުވެރިވަނީ، ކޮވިޑް-19އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ކަދުރު ގަތުމަށް ސްރީނަގަރުގެ ބާޒާރެއްގައި އާންމުން ހަރަކާތްތެރިވަނީ/ފޮޓޯ: އޭ.އެން.އައި

ބޯޑަރުތައް ބަންދުކުރުމާ، ހަރަކާތްތެރިވެ އުޅުމުގެ މަގުތައް ހަނިކޮށްފައިވުމާ، ޝިޕިންގް ރޫޓުތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ، ވައިގެ އުދުހުންތައް މަޑުޖައްސާލާފައި އޮތުމުގެ ސަބަބުން، ކާބޯތަކެތި އުފައްދާ ކާރުހާނާތަކުގެ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރަށް ފޯރުކޮށްދެވޭނެ ދޮރުތައް މުޅިންހެން ވަނީ ބަންދުވެފައެވެ. ގައުމުތަކުން ކާބޯތަކެއްޗާ އެނޫންވެސް އެފަދަ ތަކެތި ހޯދަމުންދަނީ، އެގައުމަކަށް އެންމެ ބޭނުންޖެހިފައިވާ ޒާރޫރީ މިންގަނޑުތަކަށް ބަލައިގެން، ބައިނަލްއަގުވާމީ ދުނިޔެއަށް ވީހާވެސް ކުޑަ ދޮރެއް ހުޅުވާލައިގެންނެވެ.

ބޮޑެތި އެއާލައިންތަކުން އެތައް ހާސް ފްލައިޓެއް ވަނީ ގްރައުންޑްކޮށްފައެވެ. ކަނޑުމަގުން ވަދެވޭ ގިނަ ބަނދަރުތައް ވަނީ ބަންދުކޮށްފައެވެ. ހުސްވި މަހުގެ ފަހުކޮޅު އދއިން ކުރިއަށް ގެންދިޔަ ވިޔަފާރިއާއި ތަރައްގީއާއި ބެހޭ ކޮންފަރެންސްގައި ފާހަގަކުރި ގޮތުގައި، ކާބޯތަކެއްޗާ ބޭސްފަރުވާގެ ޝިޕްމަންޓްތައް، ބަނދަރުތަކުގެ ތާރުމަތީގައި ތޮއްޖެހެނީއެވެ.

މާރުކޭޓުގައި މޭވާ ގަތުމަށް މީހަކު ހުއްޓިލައިގެން / ފޮޓޯ: ދަ ޕްރެސް

ކާބޯތަކެތީގެ ސަޕްލައި ޗޭނަށް އަރާ ލޮޅުމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ފަގީރު ރައްޔިތުންނަށް ކަމަށް، ދުނިޔޭގެ ކަބޯތަކެތީގެ ސަލާމަތްތެރިކަމާ ބެހޭ އދގެ ކޮމިޓީ (ސީއެފްއެސް)އިންވަނީ އިންޒާރުކޮށްފައެވެ. ކާބޯތަކެއްޗަށް ޖެހުމުގެ ކާރިސާއަކާ ދިމާލަށް ދުނިޔެ މިސްރާބު ޖަހާފައިވާއިރު، މިކަމަށް ހައްލު ހޯދާ ދިނުމަށް ވްރައިވެޓް ކުންފުނިތަކާ ޖަމިއްޔާތަކަށްވެސް ސީއެފްއެސްއިން ވަނީ ގޮވާލާފައެވެ.

ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެއްޖެނަމަ، ކޮވިޑް-19އާއެކު އިންސާނީ ކާރިސާއެއްވެސް ފެށިގެން ހިނގައިދާނެ ކަން، ސައިންސްވެރިންނާ، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާ، ނެސްލޭއާއި ޔުނިލެވާ ފަދަ ކުންފުނިތަކުން ވަނީ ދުނިޔޭގެ ލީޑަރުންނަށް އަންގާފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާއަކީ ދުނިޔޭގެ އިގުތިސޯދުގެ މުގުލުގައި އޮތް ގައުމަކަށްވާއިރު، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މުޅި ޗައިނާ ހުއްޓުމަކަށް ގެނައުމަކީވެސް ކާބޯތަކެތީގެ ސަލާމަތްތެރިކަން ނެތި ދިއުމަށް ކުރިމަތިވި ބިރެކެވެ. ނަމަވެސް ޗައިނާއިން ދަނީ ކާބޯތަކެތީގެ ސަޕްލައި ކަށަވަރުކުރުމަށްޓަކައި އެތައް ބިލިއަން ޑޮލަރަކުން ފައިސާ ހޭދަކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ވަނީ ދަނޑުވެރިކަމުގެ ސިނާއަތް ހިންގައިގަތުމަށްޓަކައި 20 މިލިއަން ޑޮލަރު ސަބްސިޑީގެ ގޮތުގައި ދޫކޮށްފައެވެ. މީގެ އިތުރުން އިންސާނުންނާ ނުލާ ދަނޑިތައް އޮޕަރޭޓްކުރެވޭ ގޮތަށް ޓެކްނޮލޮޖީގެ ދާއިރާގައިވެސް އެގައުމުގެ ސަރުކާރުން ދަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.

ބައިނަލްއަގުވާމީ ބާޒާރަށް ފުޅާދާއިރާއެއްގައި ކާބޯތަކެތި ސަޕްލައިކުރަމުންދާ އަނެއް ގައުމަކީ އަދިވެސް ލޮކްޑައުންގެ މުއްދަތު އިތުރު ކުރަމުންދާ މެލޭޝިއާއެވެ. ނަމަވެސް މެލޭޝިއާއިންވަނީ ކާބޯތަކެތީގެ ސަޕްލައި ޗޭންތަކަށް ބުރޫ އެރުމެއް ނެތި ކުރިއަށް ގެންދެވޭނެކަން އިއުލާންކޮށްފައެވެ.

ބަލިމަޑުކަން ދިގުލާ ގޮސް ކާބޯތަކެއްޗަށް ޖެހެން ފަށައިފިނަމަ އެކަމުގެ ނުރައްކާ އޮތީ ނާޒުކު އާބާދީތަކަށެވެ. ކަންމިހެން އޮތްއިރު، އދއިން ދަނީ، ކާބޯތަކެތީގެ ސަޕްލައި ބައިނަލްއަގުވާމީ ފެންވަރުގައި ކަށަވަރުކުރުމަށްޓަކައި، ގައުމުތަކުން ދަހިލީ ފެންވަރުގައި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

އެގޮތުން ކާބޯތަކެތީގެ ބޭންކުތައް އެކުލަވާލުމާ، ނާޒުކު ގޭ ބިސީތަކަށް މަލީ އެހީތެރިކަން ފޯރުކޮށްދިނުމާ، ކާބޯތަކެތީގެ ރިޒާވެއް ގާއިމުކުރުމާ، ދަނޑުވެރިންނާ ދަނޑުވެރިކަން ހިމާޔަތް ކުރުމަށް ސަރުކާރުގެ ފެންވަރުގައި ފިޔަވަޅުތަކެއް އެޅިދާނެކަން އެފްއޭއޯއިންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމާ، ބައިނަލްއަގުވާމީ ގަނެވިއްކުމުގެ ވިޔަފާރީގައި ބައިވެރިވުމަކީވެސް މުހިންމު އަސާސެކެވެ. އެގޮތުން އިގުތިސޯދީ ހަރަކާތްތައް އަލުން ހިންގައިދިނެވި ސްޓިމިއުލަސް ޕެކޭޖުތައް ތައާރަފުކުރެވެން ނެތް ފަގީރު ގައުމުތަކުން، ބައިނަލްއަގުވާމީ ފެންވަރުގައި ފަންޑު ހޯދަން ކަމާބެހޭ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.