ކޮވިޑް-19އަށް ޝައްކު ކުރެވިގެން ޖޯލި މޯލްޑިވްސުން ނެގި 33 މުވައްޒަފުންގެ ސާމްޕަލް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސާ ޑރ. ނަޒަލާ ރަފީގް ވިދާޅުވީ ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓުގެ މުވައްޒަފުގެ ކޮންޓެކްޓުންގެ ފުރަތަމަ ޓެސްޓުގެ ނަތީޖާ ނެގަޓިވް ވެފައިވާ ކަމަށެވެ.
ރާއްޖެއިން ދިޔަ ފަހުން ޕޮޒިޓިވް ވި 4 ވަނަ މީހާއާ ކޮންޓެކްޓްވި ކަމަށް ބަލައި 33 މީހަކު ޖޯލި މޯލްޑިވްސް ރިސޯޓުން އެކަހެރި ކުރީ މިދިޔަ ބުދަ ދުވަހެވެ.
އެ މީހާއާ ބައްދަލުވި މީހުންގެ ތެރޭގައި ރިސޯޓްގެ މުވައްޒަފުންނާއި އެ މީހާ އެއާޕޯޓަށް ގެންދިޔަ ކްރޫންނާއި އެއާޕޯޓްގެ ގްރައުންޓް ސްޓާފުންނާއި ފްލައިޓް ކްރޫން ހިމެނޭ ކަމަށާއި. މިދިޔަ އަހަރުން ފެށިގެން ރިސޯޓުގައި ވަޒީފާ އަދާކުރަން އުޅުނު އެ މީހާއާ ކްލޯޒް ކޮންޓެކްޓްވި މީހުން ހޯދާ ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ތުރުކީ އަށް ނިސްބަތްވާ އެ މީހާ ޖޯލި މޯލްޑިވްސްގެ އިތުރުން ދަތުރުކުރި ރ. ބޮޑުފުށި ވެސް މިހާރު ވަނީ މޮނިޓަރިން ހާލަތަށް ގެންގޮސްފައެވެ. އެ ދެ ރަށަށް ވެސް ދަތުރުކުރި މީހާ ރާއްޖެ އިން ފުރީ މިދިޔަ މަހުގެ 31 ގައެވެ. އޭނާ ޕޮޒިޓިވް ވިކަން ރާއްޖެ އަށް އެންގީ ހޯމަ ދުވަހުއެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް 19 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުން ދަނީ ޕޮޒިޓިވް ވި 4 ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެހިންނެވެ.