10 ރިސޯޓަކާއި 55 ސަފާރީއަކުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައި ވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮވިޑް-19އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އޭގެ ތެރެއިން ބައެއް ރިސޯޓުތަކަށް ހުއްދަ ދީފައި ވާނީ ބައެއް މުވައްޒަފުން ފޭބުމަށް ކަމަށެވެ.
ރާއްޖެއަށް ފަތުރުވެރިން އެތެރެވުމަށްޓަކައި ދެވޭ އޮން އެރައިވަލް ވިސާ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައި ވާތީ، ވަކި ހާލަތްތަކަކަށް ބަލައި ރިސޯޓުތަކުންނާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ ދިނުމަށް އެޗްޕީއޭ އިން ނިންމީ މިއަދުއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށް، ރިސޯޓުތަކަށް އަރައި ފޭބުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓު ތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ މުއްދަތެއް ނެތް ގޮތަށް ރަށްރަށަށް މީހުން އަރާ ފޭބުންވެސް މަނާ ކޮށްފައެވެ.
އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު، ފަތުރުވެރިން އައުން ހުއްޓި ރިސޯޓުތައް ހުއްޓުމަަކަށް ވަނީ ގޮސްފައެވެ. އެހެންކަމުން ރިސޯޓުތަކުގައި މިހާރު ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރައިގެން ދާތާ 14 ދުވަހުގެ ތެރޭގައި ރިސޯޓުގައި ތިބި މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެއެވެ. މުވައްޒަފުން ރިސޯޓުން ފޭބުމަށް 14 ދުވަހުގެ މުއްދަތެއް ދީފައި ވަނީ ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ސާދަ ދުވަހުގެ މުއްދަތަކީ ކޮވިޑް-19 އާ ގުޅިގެން މީހުން ކަރަންޓީނު ކޮށްފައި ބައިތިއްވާ މުއްދަތެވެ.
ނަމަވެސް މިއަދު ވަނީ ފަތުރުވެރިން ރިސޯޓު ނުވަތަ ސަފާރީތަކުގައި ތިބި ނަމަވެސް، ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހަކު ނުފެންނަ ނަމަ، އެ ތަންތަނުން ފޭބުމުގެ ހުއްދަ ލިބޭ ގޮތަށް ހުއްދަ ދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ސާކިއުލާއަށް ބަދަލު ގެނެސްފައެވެ.