މެލޭޝިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ އެ ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށް ހެލްޕް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މެލޭޝިއާއިން ކޮވިޑަށް ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅު ވެފައިވާ ކަމަށާއި، އަދި އެމީހާ ހޮސްޕިޓަލުންވެސް ދޫކޮށްލާފައި ވާކަމަށެވެ.

ނަމަވެސް މެލޭޝިއާގައި އެ ދިވެހި މީހާ ކޮވިޑަށް ޕޮޒިޓިވް ވީ ކޮންއިރަކުކަން އެނގިވަޑައިނުގަންނަވާ ކަމަށް ޑރ. ނަޒަލާ ވިދާޅުވިއެވެ.

އެގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ރޭ ބުނެފައި ވަނީ މެލޭޝިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެއީ ދިވެއްސެއް ކަމަށް އެ ކޮމިޝަނުން މިއަދު ވަނީ ޔަގީން ކޮށްދީފައެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތައް ބަލާއިރު، ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން ދެމީހަކީ އިޓަލީގެ ދެ ފަތުރުވެރިންނެވެ. އަދި އެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 13 މީހަކު މި ބަލިން ރަނގަޅު ވެފައިވާއިރު، އޭގެތެރެއިން އަދިވެސް ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އެއީ ހަތަރު ދިވެހިންނެވެ.