ކޮވިޑަށް 59 މީހަކު މިއަދު ޓެސްޓް ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮވިޑް-19އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 59 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 2500 ސާމްޕަލް ނަގާފައިވާ ކަމަށާއި އަދި މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 19 މީހެއް ކަމަށެވެ. ނެގި ސާމްޕަލް ތަކުގެ ތެރެއިން 2471 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށާއި 10 ސާމްޕަލްގެ ނަތީޖާ އަދި ނުލިބި ވާ ކަމަށްވެސް ޑރ. ނަޒަލާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ތިބި މީހުންގެނެސް ސަރުކާރުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކުރަމުންނެވެ. އަދި އެ ބައްޔަށް ޝައްކު ކުރެވޭ އެންމެންގެ ޓެސްޓުވެސް ކުރަމުންނެވެ.
މިހާތަނަށް ރާއްޖެއިން މި ބައްޔަށް 19 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުން ދަނީ ޕޮޒިޓިވް ވި 4 ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެހިންނެވެ.