ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާއިއެކު މީޑިއާގައި ދައުރުވަމުންދާ އެކި ޚަބަރުތަކުގެ ތެރެއިން މިފަހަކަށް އައިސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް ހަބަރަކީ އޮޅުކޮށްގެންނާ އެނޫންވެސް ޖަނަވާރުތަކަށް ކޮވިޑް-19ގެ ވައިރަހުގެ އަސަރު ކުރާ ކަމަށް ބުނާ ހަބަރުތަކެވެ.

މިކަމަށް ބާރުދޭ ދިރާސާތައްވެސް މިހާރު ދަނީ އާންމު ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އާންމުވި އެއް ދިރާސާއެއް ބުނާ ގޮތުގައި ބުޅަލަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮވެއެވެ.

ސައިންސް ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި ބުޅަލަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮތް ކަމުގައި ވީ ނަމަވެސް، ކުއްތާ، ކުކުޅު، އޫރު އަދި އަސްދޫންޏަށް މި ބަލި ޖެހުން ނާދިރެވެ. ރެކޯޑްތަކަށް ބަލާއިރު ކުއްތާއަށްވެސް މި ވައިރަހުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާތީ ރިޕޯޓްކޮށްފައި އެބަހުއްޓެވެ.

އެމެރިކާގެ ބްރޮންކްޒް ޒުލުގައި އޮތް މިނިކާވަގެއްވެސް ދާދިފަހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ފަހުގެ ހޯދުންތައް ދައްކާ ގޮތުގައި ބުޅާތައް ނޭވާލުމުގެ ތެރޭގައި އެއް ބުޅަލުން އަނެއް ބުޅަލަށް ވައިރަސް ފެތުރިގެންދެއެވެ.

މި މައުލޫމާތަށް ބަލާއިރު އިޖުތިމާއީ ގައިދުރުކަމުގެ މިންގަނޑުގެ ތެރެއަށް އޮޅު ޖަނަވާރުވެސް ހިމަނަންޖެހޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކޮވިޑް-19އާ ގުޅުންހުރި ކަންކަމުގައި ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފަހުގެ ނިންމުންތައް ނިންމާ ބަޔަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ކަމަށްވާއިރު، އެ ޖަމިއްޔާއިން ބުނީ، އެ ޖަމިއްޔާގެ ޕާޓްނަރުންނާއެކު މި ރޮނގުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ބްރޮންކްސް ޒުލުގައި އޮތް މަލާޔަން މިނިކާވަގެއް/ފޮޓޯ: ގެޓީ އިމޭޖަޒް

މިހާތަނަށް ލިބިފައިވާ މައުލުމާތާ ހަވާލާދެއްވާ ޑަބްލިއު.އެޗް.އޯގެ އެޕިޑެމޮލޮޖިސްޓް މާރިއާ ވާން ކެރްކޯވް ވިދާޅުވީ، ބަލި ފެތުރުމުގައި ޖަނަވާރުގެ ދައުރެއް އޮތް ކަމަށް ނުބެލެވޭ ކަމަށާ، އެ ޖަނަވާރުތަކަށް ވައިރަހުގެ އަސަރުކޮށްފައިވަނީ އިންފެކްޓްވެފައިވާ އިންސާނެއްގެ ކިބައިން ކަމަށް ބެލެވޭ ކަމަށެވެ.

މިކަމާ ބެހޭ ކަށަވަރު މައުލޫމާތެއް އަދި ލިބިފައި ނުވާއިރު، މިއީ ޖަނަވާރު އޮޅުކޮށްގެން ގުޅޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އަދި ވަލު ޖަނަވާރުތަކަށްވެސް ސަމާލުވާންޖެހެއެވެ.