ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ކުޑަކުދިން އަހުލުވެރިކޮށް ދުޅަހެޔޮ ގޮތެއްގައި މިކަމާ ބެހޭ މައުލުމާތު އެކުދިންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ކުޑަކުދިންނާ ބެހޭ އިދާރާ (ޔުނިސެފް) އިން އާ ވާހަކަ ފޮތެއް ޝާއިއުކޮށްފިއެވެ.
މި ފޮތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 އަށް ވުރެ ގިނަ ގައުމުގައި އިންސާނިއްޔަތަށް މަސައްކަތްކުރާ އެކި ޖަމިއްޔާތަކާ ގުޅިގެން ޔުނިސެފުން ތައްޔާރުކުރި ވާހަކަ ފޮތެކެވެ.
ޔުނިސެފްގެ އެގްޒެކެޓިވް ޑައިރެކްޓާ ހެންރިއެޓާ ފޯ ވިދާޅުވީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި ކުޑަކުދިންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިފައިވާކަމަށާ، މީގެ ތެރެއިން ގިނަ ކުދިން ދިރިއުޅެމުންދަނީ ލޮކްޑައުންގެ ހަރުކަށި އަމުރުތަކެއް ތަންފީޒު ކުރަމުންދާ ގައުމުތަކެއްގައި ކަމަށެވެ.
މިކަން ފާހަގަކުރައްވާ ފޯ ވިދާޅުވީ، މި ވާހަކަ ފޮތަކީ މިއަދު ކުރިމަތިވެފައިވާ އާ ހާލަތު ފަސޭހައިން ފަހުމް ކުރުމަށާ، ކުޑަކުދިން ކުރާ ކުދިކުދި ކަންކަމުންވެސް އެކުދިންގެ އަމިއްލަ ވާހަކަތަކުގައި ބަތޮލުންނަށް ވެވިދާނެ ގޮތްތައް ކިޔައިދޭނެ ވާހަކަ ފޮތެއް ކަމަށެވެ.
"މައި ހީރޯ އިޒް ޔޫ، ހައު ކިޑްސް ކޭން ފައިޓް ކޮވިޑް-19"ގެ ނަމުގައި ލިޔެފައިވާ މި ވާހަކަ ފޮތުގައި އުޅެނީ އާރިއޯ ނަމަކަށް ކިއާ ޚިޔާލީ ޝަހްސެކެވެ. އާރިއޯގެ މަސައްކަތަކީ ކޮވިޑް-19ގެ މައުލުމާތު ކުޑަކުދިންނަށް ވިސްނައިދިނުމެވެ. އަދި ކުދިންގެ އަމިއްލަ ރައްކަލަށް ކުރާނެ ކަންކަން ކިޔައިދިނުމެވެ. އާއިލާއާއި ރައްޓެހިންނަށް ރައްކާތެރިކަން ދޭނެ ގޮތްވެސް އާރިއޯ ކިޔައިދެއެވެ. މީގެ އިތުރުން މިއަދު ކުރިމަތިލާންޖެހިފައިވާ ހަގީގަތުގެ ސަބަބުން އިހުސާސް ކުރަންޖެހޭ ދަތި ޖަޒުބާތުތަކާ ކުރިމަތިލާނެ ގޮތްވެސް އާރިއޯ ކިޔައިދެއެވެ.
ޔުނިސެފުން ޝާއިއުކޮށްފައިވާ މި ފޮތް އާމަޒުކޮށްފައިވަނީ އުމުރުން 6-11 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ފޮތް އެކުލަވާލުމުގައި، ނަފްސާނީ ދުޅަހެޔޮ ކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކާ، ކުއްލި ހާލަތުގައި ނަފްސާނީ-އިޖުތިމާއީ އެހީދޭ އިދާރާތަކުގެ އެއްބާރުލުން ދީފައިވެއެވެ.
މިހާތަނަށް 6 ބަހަކަށް މި ފޮތް ތަރުޖަމާކޮށްފައިވާއިރު، އިތުރު 30 ބަހަކަށް މި ފޮތް ތަރުޖަމާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ. ޕްރިންޓް އަދި އަޑުއަހާލެވޭ އޯޑިއޯ ފޮތެއްގެ ގޮތުގައި މި ފޮތުގެ ކޮޕީ އޮންލައިންކޮށް ޑައުންލޯޑްކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.