"ފިލާ ޕޯޓަލް" އިން ޑިޖިޓަލް ކޮށް ހުރިހާ ފިލާވަޅަކާއި މައުމޫމާތެއް ޓީޗަރުންނަށާއި ދަރިވަރުންނަށް ލިބޭނެގޮތް ހަމަޖައްސައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންނަށާއި ޓީޗަރުންނަށް ފަސޭހަކަމާއެކު ފިލާވަޅުތައް ބަލައިލުމަށް އެޑިޔުކޭޝަނުން އަލަށް "ފިލާ ޕޯޓަލް" ތައްޔާރުކޮށްފައި ވާ ކަމަށާއި މިހާރު އެ ސައިޓުން ހުރިހާ "ރިސޯސަސް" ތަކެއް އެއްކޮަށް ފަސޭހައިން ލިބެން ހުންނާނެ ކަމަށެވެ.

ފިލާ ޕޯޓަލް އަށް ވަނުމަށް filaa.mov.gov.mv އިން ހުރިހާ މައުލޫމާތެއް އެއްކޮށް ދަރިވަރުންނަށާއި ޓީޗަރުންނަށް ލިބިގެން ދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗަރުންނަށް ޓްރެއިނިންގް ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދަނީ، ހުރިހާ ކުދިންނަށްވެސް ޓްރެއިނިންގެ ދީފަ ހުންނަނީ، ހުރިހާ ރިސޯސަސްއެއް އެއް ޕްލެޓްފޯމްކުން ލިބޭ ގޮތައް ހުންނާނެ މިހާރު އެޑިޔުކޭޝަން މިނިސްޓްރީން ހަދާފަ، އެއީ އަޅުގަނޑުމެންގެ ފިލާ ޕޯޓަލް
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

އެޑިއުކޭޝަނުން ވަނީ އިއްޔެއިން ފެށިގެން ފިލާ ޕޯޓަލް ބޭނުން ކުރަން ފަށާފައެވެ.

ފިލާ ޕޯޓަލް ބޭނުންކުރާނެ ގޮތް:

ފިލާ ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ސްކްރީން ޝޮޓެއް

މި ޕޯޓަލް ގެ މަގްސަދަކީ އިތުބާރު ކުރެވޭ ހަރުދަނާ ނިޒާމެއް ގާއިމް ކުރުން ކަމަށާއި ރާއްޖޭގައި އުފައްދާ އަދި ތައްޔާރު ކުރާ ތައުލީމީ އަދި ކިޔަވައި ދިނުމަށް ބޭނުންކުރެވޭ ޑިޖިޓަލް މެޓީރިއަލް އެއްތަނަކުން ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.

ފިލާ ޕޯޓަލް އަށް ޑިޖިޓަލް ކޮންޓެންޓް އަޕްލޯޑް ކުރާނެ 7 ތަނެއް ފާހަގަ ކޮށްފައިވެއެވެ. އެއީ ސްކޫލްތައް، އެންއައިއީ، ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަން، އެސްކިޑް، ކިޔުއޭޑީ، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން، އަދި މީގެ އިތުރުން އެޑިޔުކޭޝަނުން ހުއްދަ ދިފާއިވާ ފަރަތްތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަޕްލޯޑްކުރާ މެޓީރިއަލް ތަކަކީ މުދައްރިސުންނަށް ނުވަތަ ދަރިވަރުންނަށް ހުންނަ ތަކެތިކަން އެނގެން ހުންނާނެ ކަމަށާއި އަޕްލޯޑް ކުރާ ތަކެއްޗަކީ އިސްލާމީ ދިވެހި މުޖުތަމައުއަށް ފެތޭ މައުލޫމާތުތޯ ޗެކްކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި އެ މެޓީރިއަލް ތަކުގެ ފެންވަރު ކަށަވަރުކޮށް އިލްމީ ގޮތުން ފަންނީ ލަފާ އަރުވާނީ މާއްދާގެ ޓީޗަރުން ހިމެނޭ ޓީމެއް އެކުލަވާލުމަށްފަހު އެންއައިއީ ގެ ފަރާތުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ސްކޫލްތައް ބަންދުކޮށްފައިވީ ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޯލެވެލް އިމްތިހާނަށް ތައްޔަރާރުވަމުން އަންނަ ދަރިވަރުންނަށް ހާއްސަ ސަމާލުކަމެއް ދީގެން ގޭގައި އެކުދިން ތިބެގެން ކިޔެވުމުގެ އިންތިޒާމް ހަމަޖައްސާދީފައެވެ. ފުރަތަމަ ޓާމުގެ މިޑް ޓާމް ހޮލިޑޭސްއަށް ފަހު މި ދިޔަ މަހުގެ 15 ގައި ސްކޫލް ހުޅުވުމަށް ހަމަޖެހިފައި ވީ ނަމަވެސް ކޮވިޑް-19އާ ގުޅިގެން ސްކޫލްތައް ހުޅުވުން ވަނީ ފަސްކޮށްފައެވެ. އަންނަ ހަފްތާގައިވެސް ސްކޫލް ހުޅުވުން ފަސްކޮށްފައިވާ ކަން މިނިސްޓްރީން އިއުލާންކޮށްފައިވާ އިރު މިހާރު ސްކޫލް ހުޅުވުން މި ވަނީ ފަސް ހަފްތާއަށް ފަސްކުރެވިފައެވެ.

ޓެލިކިލާސް މެދުވެރިކޮށް ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށް ކްލާސްތައް ނަގައިދިނުމަށް ފަށާފައިވާ އިރު ގްރޭޑް 7 އިން ފެށިގެން 12 އާ ދެމެދުގެ ދަރިވަރުންނަށް ޓެލިކިލާސް މެދުވެރިކޮށް އަންނަނީ ކިޔަވައިދެމުންނެވެ. މީގެ އިތުރުން އަންނަ ހަފްތާއިން ފެށިގެން ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށްވެސް ޓެލިކިލާސް މެދުވެރިކޮށް ކިޔަވައި ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ރޭ ވަނީ ވިދާޅުވެފައެވެ.