ފަތުރުވެރިން ރިސޯޓު ނުވަތަ ސަފާރީތަކުގައި ތިބި ނަމަވެސް، ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހަކު ނުފެންނަ ނަމަ، އެ ތަންތަނުން ފޭބުމުގެ ހުއްދަ ލިބޭ ގޮތަށް ހުއްދަ ދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ސާކިއުލާއަށް ބަދަލު ގެނެސްފިއެވެ.

އެޗްޕީއޭގެ ސާކިއުލާގައި ވަނީ އެންމެ ފަހު ފަތުރުވެރިޔާ އައިތާ 14 ދުވަސް ވެފައި ބަލީގެ އަލާމާތެއް ނުފެންނަތާ 14 ދުވަސް ވެފައިވާނަމަ، ރިސޯޓުތަކާއި ސަފާރީތަކުން ފޭބުމުގެ ހުއްދަ ލިބޭނެ ކަމަށާއި މީހުން ފޭބުމުގެ ކުރިން އެޗްޕީއޭއަށް ފޮނުވަން ޖެހޭ އިގްރާރު ފޯމު ފުރިހަމަ ކުރުމަށް ފަހު ފޮނުވަން ޖެހޭނެ ކަމަށެވެ.

ރިސޯޓު ނުވަތަ ސަފާރީ މޮނީޓަރިން ހާލަތަށް ގެނައިތާ 14 ދުވަސް ވާ ފަހުން އެ ތަންތަނުގައި ތިބި ފަރާތްތަކަށް ވެސް ފޭބޭ ގޮތަށް ހުއްދަ ދޭން އެޗްޕީއޭއިން ނިންމާފައިވާ ނަމަވެސް އެ މުއްދަތުގެ ތެރޭގައި ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިފައި ނުވުމާއި، ބަލީގެ އަލާމާތެއް ހުރި މީހަކު ހުރެއްޖެ ނަމަ ހުއްދަ ނުދޭންވެސް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އަދި އެންމެ ފަހުން ޕޮޒިޓިވްވި މީހަކު ފެނުނުތާ 14 ދުވަސް ވެފައި، އެ 14 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިފައި ވާނަމަ، ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ފުރިހަމަ ވެފައި ވުމާއި، ރިޒޯޓުން ނުވަތަ ސަފާރީން މީހުން ފައިބާއިރު ބަލީގެ އަލާމާތެއް ހުރި މީހަކު ރިޒޯޓުގައި ނުވަތަ ސަފާރީގައި ނެތުމާއި، ފުރިހަމަ ކުރަންޖެހޭ އެގްޒިޓް ފޯމު ފުރަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭގެ ސާކިއުލާގައި ބުނެފައެވެ.

މީގެ އިތުރުން އެ ސާކިއުލާގައި ބުނެފައި ވަނީ ޕޮޒިޓިވް ވެފައިވާ މީހަކު ފެނި، އެ މީހެއްގެ ފަރާތުން އެ ރިސޯޓެއްގައި ނުވަތަ ސަފާރީގައި އެހެން މީހަކަށް ބަލި ޖެހިފައި ވާނަމަ، ފޭބުމުގެ ހުއްދަ ލިބެނީ 28 ދުވަސް ފަހުން ކަމަށާއި ބަލީގެ އަލާމާތެއް ހުރި މީހަކު އެ 28 ދުވަހުގެ މުއްދަތުގެ ތެރޭގައި ފެނިއްޖެނަމަ، އިތުރު 14 ދުވަސް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކޭސް ފެނިފައިވާ ރިސޯޓުތަކުގައި ތިބި ފަރާތްތަކުން 28 ދުވަހުގެ ތެރޭގައި އިތުރު މީހެއްގެ ފުށުން ބަލީގެ އަލާމާތެއް ނުފެންނަ ނަމަ، 28 ދުވަސް ވުމުން ރިސޯޓުތަކުން ފޭބުމުގެ ހުއްދައަށް އެދި ހުށައެޅޭ ގޮތައް ބަދަލު ގެނެސްފައިވާ ކަމަވެސް އެ ހާލަތުގައި އެ ރިޒޯޓުގައި ނުވަތަ ސަފާރީގައި ތިބި މީހުން ކޮވިޑް-19 އަށް ޓެސްޓްކުރާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ކުރިން ނެރުނު ސާކިއުލާ ވަނީ ބާތިލު ކޮށްފައެވެ. އެ ސާކިއުލާ އަށް ބަދަލުގެނެސްފައި ވަނީ، ދިވެހިރާއްޖެ އަށް ފަތުރުވެރިިން އެތެރެވުމަށްޓަކައި ދެވޭ އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި ގުޅިގެންނެވެ. ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހެވެ.