ގޭގައި އަމިއްލައަށް ތައްޔާރުކުރާ މާސްކުތަކަކީ މިފަދަ ހާލަތެއްގައި ބޭނުންކުރަން އެންމެ އެކަށީގެންވާ އާލާތްތަކެއްތޯ ބެލުމުގެ ފުރުސަތު މިވަގުތު ނެތް ކަމަށް، އެމެރިކާގެ ނޭޝަނަލް އެކަޑަމީ އޮފް ސައެންސަސް، އިންޖިނޭރިންގް އެންޑް މެޑިސިންއިން ވައިޓް ހައުސްއަށް އަންގައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެމެރިކާއަށް އިންތިހާއަށް ބޮޑުވެފައިވުމާ، ބޭރުފުށުން އަލާމާތްތައް ނުފެންނަ މީހުންގެ ކިބައިންވެސް ވައިރަސް ފެތުރެމުންދާ ޚަބަރުތައް ފެންމަތިވެފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގޭގައި އަމިއްލައަށް ތައްޔާރުކުރާ މާސްކު ބޭނުންކުރުމަށް އިރުޝާދު ދީފައެވެ.

މިފަދަ އިރުޝާދެއް ދޭންޖެހިފައިވަނީ މެޑިކަލް ގުރޭޑްގެ މާސްކު ނުވަތަ ސާޖިކަލް އަދި ރެސްޕިރޭޓާ މާސްކުތަކަކީ ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ސީދާ ގޮތުން ހަރަކާތްތެރިވަމުންދާ ސިއްހީ ޚިދުމަތްތެރިންނާ ޑޮކްޓަރުންގެ ބޭނުމަށް ބަހައްޓަންޖެހޭ އާލާތްތަކަކަށްވުމުންނެވެ. ކޮވިޑް-19ގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، މިފަދަ އާލާތްތައް އުފެއްދުމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރެވެމުން ނުދާއިރު، ގޭގައި އަމިއްލައަށް ތައްޔާރުކުރާ މާސްކު ބޭނުންކުރުމަށް އިރުޝާދު ދީފައިވީ ނަމަވެސް، މިއީ އެންމެ ރައްކާތެރި ގޮތެއް ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮވިޑް 19 މާލޭ މަގުމަތީގައި މާސްކް އަޅައިގެން އުޅޭ މީހުން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

އެމެރިކާގެ ނޭޝަނަލް އެކަޑަމީ އޮފް ސައެންސަސް، އިންޖިނޭރިންގް އެންޑް މެޑިސިންއިން ވައިޓް ހައުސްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގޭގައި އަމިއްލައަށް ތައްޔާރުކުރާ މާސްކުތަކެއްގެ ސަބަބުން ރައްކާތެރިކަން ލިބުމާ ނުލިބުން ގުޅިފައިވަނީ އެ މާސްކެއް ތައްޔާރުކޮށްފައިވާ ފެންވަރުގެ މައްޗަށް ކަމަށެވެ. އަދި އެ މާސްކު ބޭނުންކުރާ މީހަކީ، މިކަމާ ގުޅިގެން ނެރެފައިވާ އެހެން އިރުޝާދުތަކަށްވެސް ބޯލަނބާ މީހަކަށް ވުމާ ނުވުންވެސް މިކަމުގައި ދައުރެއް އަދާކުރާކަން އެމެރިކާގެ ނޭޝަނަލް އެކަޑަމީ އޮފް ސައެންސަސް، އިންޖިނޭރިންގް އެންޑް މެޑިސިންއިން ވައިޓް ހައުސްއަށް ފޮނުވި ސީޓިގައި ވަނީ ބަޔާންކޮށްފައެވެ.

ކޮވިޑް-19 ފެތުރެނީ ކިހިނެއް؟

މިހާތަނަށް އާންމުކޮށްފައިވާ ދިރާސާތަކަށް ބަލާއިރު ކޮވިޑް-19 ފެތުރެނީ ބައްޔަށް އިންފެކްޓްވެފައިވާ މީހެއްގެ ނޭވާލާ ނިޒާމުން ބޭރުވެގެންދާ ތިކިތަކުގެ ޒަރިއްޔާއިންނެވެ. ނަމަވެސް ވައިގެ ތެރޭގައި އެކުލެވޭ ލޮލަށް ނުފެންނަ ވަރުގެ ތިކިތަކުގެ ޒަރިއްޔާއިންވެސް ވައިރަސް ފެތުރޭކަން އެންމެފަހުގެ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ. މިފަދަ ތިކިތަކަކީ އިންފެކްޓްވެފައިވާ މީހަކު ނޭވާލާއިރު ބޭރުވެގެންދާ ތިކިތަކެކެވެ.

ގޭގައި ތައްޔާރުކުރާ މާސްކާ ގުޅޭ ދިރާސާ މަދު

މިކަމާ ގުޅިގެން ހަދާފައިވާ އެއް ދިރާސާ ބުނާ ގޮތުގައި، ގޭގައި މާސްކު ތައްޔާރުކުރާނަމަ އެ މާސްކްއަކީ ވިހާވެސް ބޯ މާސްކްއަކަށްވުން ބުއްދިވެރިކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިހާ ބޯކޮށް މާސްކު ތައްޔާރުކުރުމުން އެ ބޭނުންކުރާ މީހާއަށް އުނދަގޫތަކެއް ކުރިމަތިވެ، މާސްކު ނައްޓާލުމުގެ މައްސަލަ ކުރިމަތިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް މާލޭގެ މަގުމަތީގައި މީހަކު މާސްކް އަޅައިގެން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މީގެ އިތުރުން، ގޭގައި އަމިއްލައަށް ތައްޔާރުކުރާ މާސްކުތަކަކީ އަޅާ މީހާގެ މޫނަށް ކިހާ މިންވަރަކަށް ހެޔޮވަރުކޮށްލެވޭނެ މާސްކެއް ކަމާ މެދު އެއްވެސް ވަރެއްގެ ދިރާސާއެއް ހެދިފައި ނުވާކަމަށްވެސް އެމެރިކާގެ ނޭޝަނަލް އެކަޑަމީ އޮފް ސައެންސަސް، އިންޖިނޭރިންގް އެންޑް މެޑިސިންއިން ވައިޓް ހައުސްއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ. ރަނގަޅަށް ހެޔޮވަރުނުވާ މާސްކެއްގެ ޒަރިއްޔާއިން ވައިރަސް ލީކުވުމުގެ ފުރުސަތު އޮވެއެވެ. އަދި މާސްކު އަޅައިގެން ހުންނަ މީހާ ދާހިއްލުން ކަހަލަ ކަމެއްވެއްޖެނަމަ މާސްކުތެރޭގައި ވައިރަސްތައް ހަރުލާ، އިތުރަށް ތަޣައްޔަރުވެ، ނުރައްކާތެރި މަސްދަރަކަށް އެ މާސްކު ބަދަލުވެއެވެ.

ދެން އޮތީ ޓީޝާޓާ، ތުވާލި އަދި ސްކާފް އަދި ފޮތި މާސްކުގެ ވާހަކައެވެ. މިފަދަ ތަކެތިން ތައްޔާރުކުރާ މާސްކަކީ ވައިގެ ތެރެއަށް މިހަކުލާ ނޭވާގެ ޒަރިއްޔާއިން ބޭރުވާ ވައިރަހުގެ މާއްދާތަކުން ދިފާއުވުމަށް ކޮންމެވެސް ވަރެއްގެ އެހީއަކަށްވީ ނަމަވެސް، ވައިގެ ތެރޭގައި ދައުރުވަމުންދާ އިންފެކްޝަންގެ ތިކިތަކުން ދިފާއުވުމަށް ރައްކާތެރިކަމެއް ނުލިބެއެވެ.

އިންޑޮނޭޝިއާގެ ބަންޑާ އަޗޭ ސަރަހައްދުގެ ބާޒާރެއްގައި މާސްކެއް އަޅައިގެން ހިނގާފާ ދާ އަންހެނެއް/ފޮޓޯ: ގެޓީ އިމޭޖަޒް

ރާއްޖެއަށް ބަލާއިރުވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ފަރާތްތަކުން ގެންދަވަނީ ފޮތި މާސްކެއް ބޭނުންކުރަން ފެށުން ބުއްދިވެރިކަމަށް އިރުޝާދު ދެއްވަމުންނެވެ. އަދި މިކަމާ ގުޅިގެން އާންމު ބައެއް ވިޔަފާރިވެރިން ދަނީ އަމިއްލައަށް ތައްޔާރުކޮށްފައިވާ މާސްކުތައް ޕްރޮމޯޓްކުރަމުންނެވެ. ނަމަވެސް މިފަދަ ކަމަކަށް ބަރޯސާވައިރު، ސިއްހީ ތަޖުރިބާކާރުންނާ މާހިރުންގެ އިރުޝާދަށް ބަރޯސާވެ، ބަލިން ދިފާއުވުމަށް ކަމާބެހޭ ފަރާތްތަކުން ދެމުންދާ އެންމެ ފަހުގެ އިރުޝާދުތަކަށް ބަލާ، އެ ކަންކަމަށް ކިޔަމަންވުން އެދެވިގެންވެއެވެ.