ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން އެމެރިކާއިން އާންމުކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެގައުމުގައި އާންމުވެފައިވާ ނަސްލީ ތަފާތުކުރުންތަކުގެ މައްސަލަ އޭގެ އެންމެ އިންތިހާ ދަރަޖައަށް ހިނގާކަން ހާމަވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެމެރިކާއިން އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، ނަސްލީ ގޮތުން ބައިމަދު އާބާދީތަކުގެ މީހުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަން ދޭހަވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަކުރެއެވެ. އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާއިން މަރުވި މީހުންނަށް ބަލާއިރު، ނަސްލީ ގޮތުން ބައިމަދު އާބާދުތަކުގެ މީހުންގެ އަދަދު، އެނޫން މީހުންނާ އަޅާ ބަލާއިރު އެތައް ގުނައެއް އިތުރު ކަމަށްވެސް ޚަބަރު ލިބެއެވެ.

ނަސްލީ ގިންތިތަކަށް ބައިކޮށްގެން ތަފާސް ހިސާބުތަކެއް އެންމެ ފުރަތަމަ އާންމުކުރި އެއްބަޔަކީ ޝިކާގޯ، އިލިނޯއީއެވެ. އެ ސިޓީގެ 6100 އެއްހާ ކޭހުގެ މައުލޫމާތު ހިމަނައިގެން އާންމުކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައި ހިއްސާކުރަނީ އެފްރިކާ ދަރިކޮޅުގެ އެމެރިކާ މީހުންނެވެ. ނަމަވެސް 2.7 މިލިއަން މީހުންގެ އާބާދީއެއް އޮތް ސިޓީގައި އެފްރިކާ-އެމެރިކާ ދަރިކޮޅުގެ މީހުން ހިއްސާކުރަނީ ޖުމުލަ 30 ޕަސެންޓްއެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، ޝިކާގޯއިން މަރުވި ކޮންމެ 10 މީހުންގެ ތެރެއިން 7 މީހުންނަކީ އެފްރިކާ-އެމެރިކާ ދަރިކޮޅުގެ މީހުން ކަމަށް އޮފިޝަލުންވެސް ވަނީ ވިދާޅުވެފައެވެ.

ލުއީޒިއާނާއަށް ބަލާއިރުވެސް ކަން އޮތީ މިހެންނެވެ. އެ ސަރަހައްދުގެ އާބާދީގެ 32 ހިއްސާކުރަނީ އެފްރިކާ-އެމެރިކާ ދަރިކޮޅުގެ މީހުންނަށްވާއިރު، އެ ސަރަހައްދުން ކޮވިޑް-19ގައި މަރުވި މީހުންގެ 70 ޕަސެންޓް ހިއްސާކުރީވެސް އެފްރިކާ-އެމެރިކާ ދަރިކޮޅުގެ ޕޭޝަންޓުންނެވެ. އެމެރިކާގެ އެހެން ސަރަހައްދުތަކުން ފެންނަ ތަފާސް ހިސާބުތަކުންވެސް ދެނީ މިފަދަ މެސެޖުތަކެކެވެ.

މީގެ އެތައް އަހަރެއް ކުރީއްސުރެ ފެށިގެންވެސް އެފްރިކާ-އެމެރިކާގެ ދަރިކޮޅުގެ އެމެރިކާ ރައްޔިތުންނަށް އެކި ކަހަލަ ފުރައްސާކުރުންތަކާ، ތަފާތުކުރުންތައް ގެންގުޅެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އެ ދަރިކޮޅުގެ މީހުންގެ ސިއްހަތު ވަނީ ޒަމާނުއްސުރެ ނުރައްކަލަށް ހުށަހެޅިފައެވެ. އެފްރިކާ-އެމެރިކާ ދަރިކޮޅުގެ މީހުންނަކީ އާދަޔާ ހިލާފަށް ފަލަވުމާ، ހަކުރު ބައްޔާ ނޭވާ ހިއްލުމުގެ މައްސަލަވެސް އިންތިހާއަށް އާންމު ބަޔަކަށްވާއިރު، ކޮވިޑް-19ގެ ނުރައްކާ ގިންތިތަކުގައިވެސް މިފަދަ ބަލިތައް ހުންނަ މީހުން ހިމެނެއެވެ. ނަމަވެސް އެކަށީގެންވާ ސިއްހީ ފަރުވާ ހޯދުމުގައި އެފްރިކާ-އެމެރިކާ ދަރިކޮޅުގެ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އިގުތިސޯދީ ކެރިފޯރުންތެރިކަން އިތުރު ކުރުމުގެ ފުރުސަތުތައް ހަނިއިރު، އެކަށީގެންވާ ސިއްހީ ފަރުވާއެއް ހޯދުމުގައިވެސް އެ ދަރިކޮޅުގެ މީހުންނަށް ހުރަސްތަކެއް ގިރާކުރަންޖެހެއެވެ.

އެމެރިކާގެ ވޮލަންޓިއަރަކު ޑްރައިވް-ތްރޫއެއް ހުރަސްކުރާ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތުގަ/ފޮޓޯ: މާރިއޯ ޓޭމާ

އެފްރިކާ-އެމެރިކާ ދަރިކޮޅުގެ އިތުރުން އެހެން ދަރިކޮޅުތަކުގެ މީހުންނާ މެދުވެސް އެމެރިކާގައި ކަން ހިނގަމުންދަނީ މިފަދަ ގޮތަކަށެވެ. އަދި އިޖުތިމާއީ ގިންތިތަކުގެ މައްސަލަވެސް ބޮޑުވަމުން އަންނަކަން މިކަމާ ގުޅޭ ދިރާސާކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

އެމެރިކާގެ އެންމެ ފަހުގެ ރެކޯޑްތަކަށް ބަލާއިރު އެގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 468887 އަށް އަރާފައެވެ. އަދި މި ބަލީގައި 16697 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.