ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، ލަންޑަންގެ ސެއިންޓް ޓޮމަސް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައި.ސީ.ޔޫ)އިން ދޫކޮށްލައިފިއެވެ.

އައި.ސީ.ޔޫއިން ދޫކޮށްލިކަމުގައި ވީ ނަމަވެސް، ބޮރިސް ޖޯންސަންއަށް އަދިވެސް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި ކަމަށް މައުލޫމާތު ލިބެއެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ބޮރިސް ޖޯންސަން ފަރުވާ ހޯއްދަވަމުން ގެންދަވަނީ އެ ހޮސްޕިޓަލުގައެވެ.

ބޮރިސް ޖޯންސަން ހޮސްޕިޓަލަށް ގެންދެވުނީ ކޮވިޑް-19އަށް ޕޮޒިޓިވްވިތާ 10 ދުވަސްވީއިރުވެސް ހުން ވިހެނުލައިގެން ޑޮކްޓަރުގެ އިރުޝާދުގެ ދަށުންނެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ނެޑީން ޑޯރީސްގެ ހަށިކޮޅުން ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ ބޮޑުވަޒީރު ބޮރިސް ޖޯންސަން (ވ) އިވެންޓެއް ކުރިއަށް ގެންދެވި ދުވަހު/ފޮޓޯ: ސްކައި ނިއުސް

ހޮސްޕިޓަލަށް ގެންގޮސް އައި.ސީ.ޔޫއަށް ބަދަލުކުރި ކަމުގައި ވީ ނަމަވެސް ބޮރިސް ޖޯންސަންއަށް ދީފައިވަނީ 'ސްޓޭންޑަޑް އޮކްސިޖަން ޓްރީޓްމަންޓް' ކަމަށާ، އެއްވެސް ހާލެއްގައި ވެންޓިލޭޓަރަށް ލާފައި ނުވާ ކަމަށް ރަސްމީ ޚަބަރުތައް ބުނެއެވެ.

ބޮރިސް ޖޯންސަންގެ ތަރުޖަމާނަކު ވިދާޅުވީ ބޮޑުވަޒީރުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށެވެ.

ކޮވިޑް-19ގެ ސިއްހީ ހިދުމަތްތެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަތްތިލަބަޑިޖައްސަވަނީ/ފޮޓޯ: ބީބީސީ

އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވީ އައި.ސީ.ޔޫއިން ބޮރިސް ޖޯންސަން ދޫކޮށްލާފައިވާކަމަށާ، ބޮޑުވަޒީރުގެ ހާލުކޮޅު މިހާރު އުޅެނީ ރަނގަޅުވުމުގެ މަގުމަތީގައި ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން އިނގިރޭސިވިލާތުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 65077 އަށް އަރައެވެ. އަދި މި ބަލީގައި 7978 މީހަކު އިނގިރޭސިވިލާތުގައި މަރުވެފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.