ކޮވިޑް-19ގެ އަލާމާތްތައް ފެނުނަސް އެކަން ސިއްރުކުރާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، ބައެއް ރިސޯޓުތަކުގައި ތިބި މުވައްޒަފުން، އަވަހަށް ރިސޯޓުން ފޭބުމުގެ ބޭނުމުގައި، ކޮވިޑް-19ގެ އަލާމާތްތައް ފެނުނަސް އެކަން ސިއްރުކުރާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ރިސޯޓަކަށް ފަތުރުވެރިޔަކު އެރުމަށް ފަހު، 14 ދުވަސް ވަންދެން އިތުރު ފަތުރުވެރިޔަކު އަރާފޭބުމުގެ އަމަލެއް ނުހިނގާނަމަ، އެ ރިސޯޓެއްގައި ތިބި މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެ ކަމަށެވެ. ނަމަވެސް، އެންމެފަހުން އެ ރިސޯޓުގައި ފަތުރުވެރިކަމުގެ ހަރަކާތެއް ހިނގިފަހުން 14 ދުވަސް ވެއްޖެކަން ބަޔާންކޮށް، ރިސޯޓުގެ މެނޭޖްމަންޓުން އެކަމަށް ބޭނުންވާ ފޯމު ފުރަން ޖެހޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ރާއްޖެއިން ޕޮޒިޓިވް ކޭސްއެއް ނުފެނި ދުވަސްތަކެއް ދިއުމާއި، ސަސްޕެކްޓެޑް ކޭސްތައް ފެންނަވަރު މަދުވެގެން ދިޔަޔަސް، ކަންފަސޭހަ ނުކުރުމަށެވެ. މިކަމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ރިސޯޓުތަކުގައި ތިބި މީހުންގެ ތެރެއިން 14 ދުވަސް ހަމަވެގެން، މީހުން މުޖުތަމައު ތެރެއަށް ދާއިރު، އެ 14 ދުވަސްތެރޭގައި އަލާމާތެއް ފެނިފައިވާ މީހެއް ވާނަމަ އެކަން ސިއްރު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 14 ވާން ކައިރިވުމުން، ނުވަތަ 14 ދުވަސް ހަމަވުމުން މައުލޫމާތު އެއްކުރާ އިރު، ބައެއް ފަހަރު އަލާމާތްތައް ހުންނަ މީހުންގެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރަށެއްގައި ތިބި ބަޔަކު 14 ދުވަހަށް ވުރެ ގިނަ ދުވަހު ތިބެން ޖެހިދާނެ ކަމަށްޓަކައި މައުލޫމާތު ހިފެހެއްޓުމުގެ، ނުވަތަ އަލާމާތްތައް ހުރިކަން ނޭންގުން، އެއީ މުޅި ރާއްޖެ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުން ކަމަށް މިިނިސްޓަރު އަމީން ވިދާޅުވިއެވެ. މިކަން ފާހަގަ ކުރައްވާ މިނިސްޓަރު އަމީން ވަނީ ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް މި ބައްޔަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު 13 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ 15 ބިދޭސީންނާއި 4 ދިވެހިންނެވެ. އޭގެ ތެރެއިން 13 ބިދޭސީއަކު ރަނގަޅުވެފައިވާއިރު، 2 މީހަކު ވަނީ ރާއްޖެއިން ބޭރުގައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން ދަނީ ޔޫކޭއިން ރާއްޖެ އައުމަށްފަހު ޕޮޒިޓިވްވި 4 ދިވެހިންނަށް އެކަންޏެވެ.