އީޔޫ އިން ރާއްޖެއަށް 50 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.
އީޔޫ އިން ރާއްޖެއަށް 50 މިލިއަން ރުފިޔާ ނުވަތަ 3 މިލިއަން ޔޫރޯ ހިލޭ އެހީ ދީފައި ވަނީ، ކޮވިޑް-19އިން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުންނެވެ. އެގޮތުން އީޔޫއިން ދީފައި ވަނީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް 1 މިލިއަން ޔޫރޯ އަދި ފަތުރުވެރިކަމުގެ ދާއިރާށާއި، ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން 2 މިލިއަން ޔޫރޯއެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ދެފުށް ފެންނަ، ހަރުދަނާ ނިންމުންތަކަށް ވިލާތުގެ އިއްތިހާދާއި، އެއިއްތިހާދުގެ މެންބަރު ގައުމުތަކުން ވަނީ މަރުހަބާ ކިޔައިފައެވެ. އީޔޫ އާއި ރާއްޖެއާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން އެޅި ހަރުދަނާ، އަވަސް ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ތިބި ޔޫރަޕްގެ ގައުމުތަކުގެ ފަތުރުވެރިން ފަސޭހަކަމާއެކު އެގައުމުތަކަށް ގެންދެވިފައިވާ ކަމަށެވެ.
ވިލާތުގެ އިއްތިހާދުން ރާއްޖެއަށާ ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ މިދަނޑިވަޅަކީ ރާއްޖެއާއި އީޔޫ ގުޅިގެން މަސައްކަތްކުރަންވީ ވަގުތެއް ކަމަށެވެ. އަދި ވިލާތުގެ އިއްތިހާދުން ރާއްޖޭގެ ސިއްހީ ދާއިރާއަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް މިދިން އެހީތެރިކަމާއެކު، ޔޫރަޕްގެ ފަތުރުވެރިންނަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
އީޔޫގެ އެހީއާ ގުޅިގެން މިނިސްޓާ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވީ، މި އެހީއަކީ ރާއްޖެއާއި އީޔޫއާ ދެމެދު އޮތް ގުޅުން އަނެއްކާވެސް ހަރުދަނާ ވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި އީޔޫގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިއެހީތެރިކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް އިތުރަށް ހަރުދަނާކުރުމަށާއި، އިގްތިސޯދީ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، ހަމައެއާއެކު ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އީޔޫގެ އެހީތެރިކަން އަދިވެސް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.