ރާއްޖޭގެ މައިނާރުކަމުގައިވާ ޓުއަރިޒަމްގެ ދޮރު މިދަނޑިވަޅުގައި ބަންދުކުރަން ޖެހުމަކީ ނުހަނު ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގުޅިގެން ވާޗުއަލް މީޓިން އޮފް ސްޓިއަރިން މިނިސްޓީރިއަލް ކޮމިޓީ އޮން ހެލްތްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އަމީން ވަނީ މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލާ، މެންބަރު ގައުމުތަކުން ގުޅިގެން މިކަމަށް ހައްލު ހޯދުމަށް ހުރިހާ ގައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް ގޮވާލައިފިއެވެ. މިނިސްޓަރު އަމީން ވަނީ ރާއްޖޭގެ މައިނާރުކަމުގައިވާ ޓުއަރިޒަމްގެ ދޮރު މިދަނޑިވަޅުގައި ބަންދުކުރަން ޖެހުމަކީ ނުހަނު ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވީ، ގައުމަށް ދިމާވެފައިވާ އިސްތިސޯދީ ގޮންޖެހުންތަކާ ގުޅެގޮތުން ވަހަކަ ދައްކަވާފައެވެ.

މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން / ފޮޓޯ: ހެލްތް މިނިސްޓްރީ

މި ކޮމިޓީގައި ހިމެނެނީ ރާއްޖޭގެ އިތުރުން ސައުދި އަރަބިއާ، ޔޫއޭއީ، ޕާކިސްތާނު، މޮރިޓޭނިއާ، ޗަޑް، ތުރުކީ، މިސްރު، މެލޭޝިއާ، އިންޑޮނޭޝިއާ އަދި ސޫދާނެވެ. މި ބައްދަލުވުމުގައި އޯއައިސީ މެންބަރު ގައުމުތަކުގެ ހެލްތް މިނިސްޓަރުންނާއި ހެލްތް ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވީ ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވަނީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް އިސްލާމިކް ގައުމުތަކުގެ ސިއްހަތާބެހޭ ވަޒީރުންނާ މިފަދަ ދަނޑިވަޅެއްގައި ބައްދަލު ކުރުމަށް ލިބިވަޑައިގެންނެވީތީ އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ މި ބައްދަލުވުން އިންތިޒާމްކޮށް ދެއްވިކަމަށްޓަކައި 7 ވަނަ އިސްލާމިކް ކޮންފަރެންސް އިފް މިނިސްޓާސް އޮފް ހެލްތް (އައިސީއެޗްއެމް) ޗެއާކުރެއްވި ޔޫއޭއީއަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން / ފޮޓޯ: ހެލްތް މިނިސްޓްރީ

މި ބައްދަލުވުމަކީ ކޮވިޑް-19އާ ގުޅިގެން އޯއައިސީގެ މެންބަރު ގައުމުތަކުގެ ސިއްހީ ހާލަތު ވަޒަންކޮށް، އިސްލާމީ ގައުމުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެރުވުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި މިހާރު ގައުމުތަކުން އަޅާމުންދާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތުވެސް މި ބައްދަލުވުމުގައި ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ކޮވިޑް-19ގެ ކަންކަމުގައި ފަންނީ ލަފާދޭ ޑަބްލިއުއެޗްއޯ، ގްލޯބަލް ފަންޑް، އައިޑީބީ، ގާވީ އަދި އިތުރު ފަރާތްތަކުން ވަނީ އެފަރާތްތަކުން ކުރަމުންދާ މަސައްކަތްކަތާ ގުޅޭގޮތުން މައުލޫމާތު ދީފައެވެ.

ދެގަޑި އިރެއްހާއިރަށް ކުރިއަށްދިޔަ މި ބައްދަލުވުން ނިމިގެންދިޔައީ، ގައުމުތަކުން އެއްބަސްވާ އެއްބަސްވުމެއް އެޑޮޕްޓް ކުރުމަށްފަހުއެވެ. މި އެއްބަސްވުމުގައި ކޮވިޑް-19އާ ގުޅިގެން ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރަން ހަރުދަނާ ކުރުމަށާއި، މިހާރަށް ބޭނުންވާ އެސެންޝަލް މެޑިކަލް ސަޕްލައިސްގެ އިތުރުން ޑައިގްނޯސްޓިކް ކިޓްސް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހޯދުމަށް އެހީތެރިވުމަށް ވަނީ އެއްބަސްވެފައެވެ.

އެންމެފަހުން އޯއައިސީގެ 7 ވަނަ އައިސީއެޗްއެމް އެންމެފަހުން ބޭއްވީ މިދިޔަ ޑިސެމްބަރުމަހު ޔޫއޭއީގެ ވެރިރަށް އަބޫދާބީގައެވެ.