ކޮރޯނާވައިރަސް ޑިޒީޒް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރާ އަމިއްލަ ކުންފުނިތަކުން އޮފީހަށް ގޮސް މަސައްކަތްތައް ހުއްޓުމަކަށް ގެނެސް ގޭގައި ތިބެގެން ވަޒީފާ ކުރުމުގެ އުސޫލުތަކަށް އަމަލުކުރަމުންދާއިރު، އެކަމަށް ލުއި ދޭނަމަ އެންމެ ފުރަތަމަ ވަޒީފާގެ މައިދާނަށް ނެރެންވީ، މައިންބަފައިންނާ ނުލާ ވަކިން ދިރިއުޅޭ ޒުވާން މުވައްޒަފުން ކަމަށް އިނގިރޭސިވިލާތުގެ ދިރާސާ ޓީމަކުން ބުނެފިއެވެ.
ވޯވިކް ޔުނިވާސިޓީގެ އެންޑްރޫ ޖޭ އޮސްވާލްޑް ނަތާވުދް ޕޯޑްތާވީ ލިޔެފައިވާ މި ދިރާސާ ބުނާ ގޮތުގައި، މި އުސޫލުން އަމަލުކުރުމަކީ، ކޮވިޑް-19އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށް ދޫ ދިނުމުގެ ސަބަބުން ކުރިމަތިވެދާނެ ބޮޑު ގެއްލުމެއްގެ ނޭދެވޭ އަސަރު ވީހާވެސް ކުޑަކޮށްދެނިވި ކަމަކަށް ވެގެންދާނެއެވެ.
ދިރާސާ އެކުލަވާލި މުސައްނިފުން ބުނީ މިހާރުން މިހާރަށް ވެކްސިންއެއް ނުހޯދިއެއްޖެނަމަ އާންމު ހާލަތަށް ކަންކަން ރުޖޫއަކުރުމުގައު ނުރައްކާތަކަކާ ވޭންތަކެއް ތަހައްމަލު ކުރަންނުޖެހުމަކީ ނާދިރު ކަމެއް ކަމަށެވެ.
މިއާއެކު މި ޓީމުން ވަނީ އުމުރުން 20-30 އަހަރާ ދެމެދުގެ މުވައްޒަފުންގެ ތެރެއިން، މައިންބަފައިންނާ ވަކިން ދިރިއުޅޭ މުވައްޒަފުން ކަރަންޓީނުން މިންކުކޮށް ވަޒީފާގެ މައިދާނަށް ނެރުމަށް އިރުޝާދު ދީފައެވެ. އިނގިރޭސިވިލާތަށް ބަލާއިރު މިއީ ގާތްގަނޑަކަށް 4.2 މިލިއަނެއްހާ ޒުވާން މުވައްޒަފުން ކަމަށްވެސް ދިރާސާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވާ ގިންތީގައި ދޮށީ އުމުރުގެ މީހުން ފާހަގަކޮށްފައި ވީ ނަމަވެސް، މި ބަލީގައި މަރުވާ ޒުވާނުންގެ އަދަދުވެސް މަދެއް ނޫނެވެ. އަދި ކޮވިޑް-19ގެ ނުރައްކަލަކީ ޒުވާނުންނަށްވެސް އެކަމުން ސަލާމަތްވުން ނެތް ނުރައްކަލެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ފާހަގަކޮށްފައެވެ.