ރާއްޖެއިން ފުރިފަހުން ކޮވިޑް19⁩ އަށް ޕޮޒިޓިވްވި ބިދޭސީއަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދިވެއްސެއްގެ ފުށުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އެމީހާ މިހާރުވަނީ މޮނީޓާ ކުރުމަށް ފެސިލިޓީއެއްގައި އެކަހެރި ކޮށްފައި ކަމަށެވެ.

ރާއްޖެއިން ފުރިފަހުން ކޮވިޑް19⁩ އަށް ޕޮޒިޓިވްވި ބިދޭސީއަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދިވެއްސެއްގެ ގައިން އެބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އެމީހާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން ދިޔަ ބިދޭސީއެއް ކޮވިޑް19 އަށް ޕޮޒިޓިވް ވުމުން އޭނާ ދިޔަ ދެރަށްވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އެޗްޕީއޭ ބުނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޖޯލި މޯލްޑިވްސް އާއި، ރ. ބޮޑުފުށި ރިސޯޓު ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 19 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން ދެމީހަކީ އިޓަލީގެ ދެ ފަތުރުވެރިން ނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 13 މީހަކު މި ބަލިން ރަނގަޅު ވެފައިވާއިރު، އޭގެތެރެއިން އަދިވެސް ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުން ނެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާމެދު މިއަދު އިތުރު ގޮތެއް ނިންމަވާނެ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްވަނީ ވިދާޅުވެފައެވެ.