ދުނިޔޭގެ އެންމެ އެކަހެރި މަންޒިލްގެ ގޮތުގައި ސިފަކުރަމުން އަންނަ އުތުރު ކޮރެއާގައި 700 އަށްވުރެ ގިނަ ސާމްޕަލް ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާކަމަށާ، އޭޕްރިލް 2 ވަނަ ދުވަހުގެ ނިޔަލަށް 500 އަށްވުރެ ގިނަ މީހުން ކަރަންޓީނު ކޮށްފައި ވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އާ ހަވާލާދީ ސީއެންއެންއިން ރިޕޯޓް ކޮށްފިއެވެ.

ކަންމިހެން އޮތް ނަމަވެސް އުތުރު ކޮރެއާގެ ސަރުކާރުން އަދިވެސް ބުނަމުންދަނީ އެގައުމުގައި ކޮވިޑް-19ގެ ވައިރަސް ނެތް ކަމަށެވެ.

ޖިއޮގްރަފީ ގޮތުން ބަލާއިރުވެސް އުތުރު ކޮރެއާ އޮންނަނީ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުމަށް ފުރުސަތު ފަހި ސަރަހައްދެއްގައެވެ. އެގޮތުން އުތުރު ކޮރެއާއަކީ ކޮވިޑް-19ގެ ފެށުން ކަމަށްވި ޗައިނާއާއި، ބަލިމަޑުކަން ނުރައްކާ ދަރަޖައަކަށް ދިޔަ ދެކުނު ކޮރެއާއާއި ބޯޑަރު ހިއްސާކުރާ ގައުމެއްކަން ފާހަގަކުރަންޖެހެއެވެ.

ޑަބްލިއު.އެޗް.އޯއިން އުތުރު ކޮރެއާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ އެޑްވިން ސަލްވަޑޯއާއި ހަވާލާދީ ސީއެންއެންއިން ބުނީ، އޭޕްރިލް 2 ވަނަ ދުވަހުގެ ނިޔަލަށް އުތުރު ކޮރެއާއިން 709 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 11 ބިދޭސީން ހިމެނޭކަމަށްވެސް ޚަބަރު ލިބެއެވެ. މީގެ އެއްވެސް ކޭހެއް ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާކަމަށާ، ނަމަވެސް 509 މީހަކު ކަރަންޓީނުގައި ތިބިކަމުގެ ޚަބަރު ލިބިފައިވާކަމަށްވެސް ޑރ ސަލްވަޑޯ ވަނީ ވިދާޅުވެފައެވެ. ކަރަންޓީނުގައި ތިބި މީހުންގެ ތެރޭގައިވެސް 2 ބިދޭސީއަކު ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ޑަބްލިއު.އެޗް.އޯއިން ބުނީ އުތުރު ކޮރެއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ކޮވިޑް-19ގެ ހާލަތު ބަޔާންކޮށް ކޮންމެ ހަފުތާއަކު 1 ފަހަރު ރިޕޯޓް ފޮނުވަމުންދާކަމަށާ، އުތުރު ކޮރެއާގެ ގައުމީ ރެފަރެންސް ލެބޯޓްރީއަކީ ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ގާބިލުކަން ލިބިފައިވާ ލެބޯޓްރީއެއް ކަމަށެވެ.

އުތުރު ކޮރެއާގައި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: އޭޕީ

ޑރ ސަލްވަޑޯ ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން 24842 މީހަކު އުތުރު ކޮރެއާގެ ކަރަންޓީނުން ދޫކޮށްލާފައިވާކަމަށާ، އޭގެ ތެރޭގައި 380 ބިދޭސީއަކު ހިމެނޭ ކަމަށެވެ. އަދި ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ބޭނުންވާ ބައެއް އާލާތްތައް ޗައިނާގެ އެހީގައި ޖަނަވަރީ މަހު އުތުރު ކޮރެއާއަށް ލިބިފައިވާކަމަށްވެސް ޑރ ސަލްވަޑޯ ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު، އެމެރިކާގެ އަސްކަރިއްޔާއަށް ލިބިފައިވާ ޖާސޫސީ މައުލޫމާތަކާ ހަވާލާދެއްވާ، އެމެރިކާގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް ރޮބާޓް އެބްރަމްސް ވަނީ، އުތުރު ކޮރެއާގައި ކޮވިޑް-19ގެ ކޭހެއް ނެތި ނުދާނެ ކަން ދޭހަވާފަދަ ވާހަކަތަކެއް ހާމަކުރައްވާފައެވެ.