އިނގިރޭސިވިލާތުގެ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއް ކަމަށްވާ ބްރިޓިޝް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން ނުވަތަ އާންމު ނަންމުންނަމަ ބީބީސީގެ ޕްރޮގްރާމް ގައިޑްގައި ފުރަތަމަ ފަހަރަށް ބަންގިއާ، ކީރިތި ޤުރުއާން ދީނީ ނަސޭހަތާ ޚުތުބާ އަދި ވުއުޟު ހިމަނާ، އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރަން ފަށައިފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ބޮޑުވެ، ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތައް ބަންދުކޮށްފައިވާއިރު، ބީބީސީއިން ދަނީ އެ ކޯޕަރޭޝަންގެ އެކި ޗެނަލްތަކުން ބަންގި ފޮނުވަމުންނެވެ.

މީގެ އިތުރުން ބީބީސީގެ 14 ރޭޑިއޯ ސްޓޭޝަންތަކުން، ހުކުރު ދުވަހަށް ހާއްސަކޮށްގެން ވަކި ޕްރޮގްރާމްތަކެއް ބްރޯޑްކާސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން އެކި ހަފުތާގައި އެކި އިމާމުން ހޮސްޓް ކުރާ އުސޫލުން ކީރިތި ގުރުއާން ކިޔެވުމާ ޚުތުބާ، ދީނީ ނަސޭހަތް އަދި ވައުޟު ވިދާޅުވުން ފަދަ ކޮންޓެންޓް ގެނެސްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ބީބީސީގެ ކޮންޓެންޓަށް ގެނައި މި އިންގިލާބީ ބަދަލަކީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ހާއްސަ ހާލަތަށް އެދެވޭ ބަދަލެއް އަންނަންދެން ކުރިއަށްދާނެ ކަމެއްކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރެމުންދަނީ މުސްލިމުންގެ ދީނީ އަޅުކަމަށް ޖަމާއަތް ހެދުމުގެ ތެރެއިން ކަމަށް ބުނެ މުސްލިމުންނަށް ފާޑިކިއުމުގެ އޮއެވަރެއް އެގައުމުގައި ފެށިފައިވާއިރު، ބީބީސީ ލޯކަލް ރޭޑިއޯގެ އިސްވެރިޔާ ކްރިސް ބާންސް ވިދާޅުވީ، މިއީ އައިސޮލޭޝަންގައި ތިބޭ ވަގުތުތަކުގައިވެސް މުސްލިމުންނަކީ މުޖުތަމައުގެ ބައެއްކަމުގައި އިހުސާސްކޮށްދިނުމަށް އެ ކޯޕަރޭޝަނުން ގެނައި ބަދަލެއް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން އިނގިރޭސިވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 60733 އަށް އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބޮޑުވަޒިރު ބޮރިސް ޖޯންސަންވެސް ހިމެނިވަޑައިގަންނަވާއިރު، ސިއްހީ ހާލުކޮޅު ރަނގަޅު ވާތަން ނުފެންނާތީ ޑޮކްޓަރު ދެއްވި އިރުޝާދާއެކު އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ލަންޑަންގެ ހޮސްޕިޓަލެއްގައެވެ. ކޮވިޑް-19ގައި އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު 7097 އަށް އަރައެވެ.

އިނގިރޭސިވިލާތުން ރާއްޖެއާއި 4 ދިވެއްސަކުވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.