މިހާތަނަށް އަދި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1.5 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1518518 އަށް އަރާފައެވެ. މީގެ ތެރެއިން 1099434 އަކީ އެކްޓިވް ކޭސްތަކެވެ. އެކްޓިވް ނުވަތަ އަދި ޝިފާ ލިބިފައިވާ ނުވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 96 ޕަސެންޓް މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް 48079 މީހަކު އޮތީ ކްރިޓިކަލް/ސީރިއަސް ހާލަތުގައި ކަމަށް މައުލޫމާތު ލިބެއެވެ. މިވަގުތު ކްރިޓިކަލް/ސީރިއަސް ހާލަތުގައި އެންމެ ގިނަ ބަޔަކަށް ފަރުވާ ދެމުންދަނީ އެމެރިކާގައެވެ. އެމެރިކާގައި 9279 މީހެއްގެ ހާލު ސީރިއަސް/ކްރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.

ކްލޯޒްޑް ކޭސް ނުވަތަ ވަކި ގޮތަކަށް ނިމިފައިވާ ކޭސްތަކުގެ އަދަދަކީ 419084 އެވެ. މީގެ ތެރެއިން 330589 މީހުންނަކީ ފަރުވާ ހޯދައިގެން ބަލިން މުޅިން ރަނގަޅުވެފައިވާ މީހުން ނުވަތަ ހޮސްޕިޓަލުތަކުން ދޫކޮށްލާފައިވާ މީހުން ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 209އަށްވުރެ ގިނަ ގައުމާ ސަރަހައްދަކުން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު 88495 އަށް ވަނީ އަރާފައެވެ. މި ބަލީގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިޓަލީވިލާތުގައެވެ. އިޓަލީވިލާތުން މަރުގެ 17669 ކޭސް ރިޕޯޓްކޮށްފައިވާއިރު ދެން އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައިވަނީ، 14792 ކޭސް ރެކޯޑްކުރި ސްޕެއިންނެވެ.

2 އޭޕްރީލް 2020 / ކޮވިޑް-19 އާ ގުޅިގެން ކާފިއު އިއުލާން ކުރި ވަގުތު / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު އަވަށްޓެރި އިންޑިއާއިން 5916 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ޕާކިސްތާނުން ޕޮޒިޓިވްވި މީހުންގެ އަދަދު 4263 އަށް އަރައެވެ. އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިގެން ދިރިއުޅޭ ސްރީލަންކާގެ ހާލަތަށް ބަލާއިރު އެގައުމުން 189 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާއިރު، އެދެވޭ ނަތީޖާތަކެއް ފެންނަމުންދިޔަ ކަމުގައި ހީވިނަމަވެސް، މިއީ ފިޔަވަޅުތަކަށް ދޫދޭންވީ ވަގުތު ނޫންކަމަށާ، މިއީ ދެގުނަ އަދި ތިން ގުނަ އިތުރަށް ފިޔަވަޅުތައް ވަރުގަދަ ކުރަންވީ ވަގުތު ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވަނީ ގޮވާލާފައެވެ.