ރާއްޖެއިން ދިޔަ ފަހުން ޕޮޒިޓިވް ވި 4 ވަނަ މީހާއާ ކޮންޓެކްޓްވި ކަމަށް ބަލައި 33 މީހަކު ޖޯލި މޯލްޑިވްސް ރިސޯޓުން އެކަހެރި ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީ މީހާއާ ކޮންޓެކްޓްވި ކަމަށް ބެލެވޭ 33 މީހަކު އައިސޮލޭޓް ކޮށްފައިވާ ކަމަށާއި 21 މީހެއްގެ ސާމްޕަލް ނަގައިފައިވާ ކަމަށެވެ.
އެ މީހާއާ ބައްދަލުވި މީހުންގެ ތެރޭގައި ރިސޯޓްގެ މުވައްޒަފުންނާއި އެ މީހާ އެއާޕޯޓަށް ގެންދިޔަ ކްރޫންނާއި އެއާޕޯޓްގެ ގްރައުންޓް ސްޓާފުންނާއި ފްލައިޓް ކްރޫން ހިމެނޭ ކަމަށާއި މިދިޔަ އަހަރުން ފެށިގެން ރިސޯޓުގައި ވަޒީފާ އަދާކުރަން އުޅުނު އެ މީހާއާ ކްލޯޒް ކޮންޓެކްޓްވި މީހުން ހޯދާ ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ތުރުކީ އަށް ނިސްބަތްވާ އެ މީހާ ޖޯލި މޯލްޑިވްސްގެ އިތުރުން ދަތުރުކުރި ކަމަށް ބެލެވޭ ރ. ބޮޑުފުށި ވެސް މިހާރު ވަނީ މޮނިޓަރިން ހާލަތަށް ގެންގޮސްފައެވެ. އެ ދެ ރަށަށް ވެސް ދަތުރުކުރި މީހާ ރާއްޖެ އިން ފުރީ މިދިޔަ މަހުގެ 31 ގައެވެ. އޭނާ ޕޮޒިޓިވް ވިކަން ރާއްޖެ އަށް އެންގީ ހޯމަ ދުވަހުއެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް 19 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުން ދަނީ ޕޮޒިޓިވް ވި 4 ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެހިންނެވެ.
ތުރުކީގެ ކުންފުންޏަކުން ހިންގާ މި ދެ ރަށުގެ ތެރެއިން ބޮޑުފުއްޓަކީ އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.