ކަރަންޓީން ފެސިލިޓީތަކުން ޖުމްލަ 325 މީހުން ދޫކޮށްލައިފައި ވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅު ވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިއަދު 28 މީހަކު ކަރަންޓީނު ފެސިލިޓީން ދޫކޮށްލާފައިވާ ކަމަށާއި މިހާރު އެ ފެސިލިޓީތަކުން ގެއަށް ދޫކޮށްލެވިފައި ވާ ޖުމްލަ މީހުންގެ އަދަދަކީ 325 ކަމަށެވެ.
ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުނަށްދޭ 14 ދުވަހުގެ މުއްދަތު ހަމަވުމުން އެމީހުންގެ ސާމްޕަލް ނަގާ، އަންނަނީ ގެއަށް ދޫކޮށްލަމުންނެވެ.
މިހާތަނަށް ޖުމްލަ 2350 ސާމްޕަލް ނާގާފައިވާ ކަމަށާއި އޭގެތެރެއިން 2059 ސާމްޕަލް ނެޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވީއެވެ. އަދި މިރޭ 8:00 އާ ހަމައަށް ލެބޯޓްރީއަށް ފޮނުވާފައިވާ ސާމްޕަލްގެ ތެރެއިން ނަތީޖާ ނުލިބޭ 272 ސާމްޕަލް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-1 9އާ ގުޅިގެން އައިސޮލޭޝަން ފެސީޓީތަކުގައި ޖުމްލަ 12 މީހުން ތިބި ކަމަށާއި ކަރަންޓީން ފެސިލިޓީތަކުގައި 1019 މީހުން ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން މި ބައްޔަށް 19 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުން ދަނީ ޕޮޒިޓިވްވި 4 ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެހިންނެވެ.