ބައެއް ގައުމުތަކުން އެދެވޭ ނަތީޖާތަކެއް ފެންނަމުން ދިޔަ ކަމުގައި ވީ ނަމަވެސް، މި ވަގުތަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އިން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޫދޭންވީ ވަގުތު ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އިންޒާރުކޮށްފިއެވެ.

ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ވިލާތު ބައްރުގެ ބައެއް ގައުމުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހިސާބެއްގެ ހަމަޖެހުމެއް އަންނަ ކަމަށް ބައެއް މީހުން ވަކާލާތު ކުރަމުންދާ މިދަނޑިވަޅުގައި ޑަބްލިއު.އެޗް.އޯގެ ވިލާތު އޮފީހުން ބުނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދޫދޭން އަދި މާ އަވަސް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޑަބްލިއު.އެޗް.އޯއިން ވިލާތަށް ކަނޑައަޅާފައި ހުންނަވާ ޑައިރެކްޓަރު ހާންސް ކްލޫގު ވިދާޅުވީ، މި ވަގުތަކީ ފިޔަވަޅުތަކަށް ދޫދޭންވީ ވަގުތެއް ނޫންކަމަށާ، މިއީ ހުރިހާ އެންމެން ގުޅިގެން މި ބަލިމަޑުކަމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ދެގުނަ އަދި ތިންގުނައަށް ވަރުގަދަ ކުރަންވީ ވަގުތު ކަމަށެވެ.

ވިލާތު ބައްރުގައި ކޮވިޑް-19 ފެތުރިފައިވާ ގޮތަށް ބަލާއިރު އެންމެ ނުރައްކާ ބޮޑީ ސްޕެއިންގައެވެ. ސްޕެއިންގައި މިއަދު އެކަނިވެސް 4748 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 510 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިއާއެކު ސްޕެއިންއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 146960 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 14555 އަށް އަރާފައެވެ. ވިލާތުގައި ކޮވިޑް-19ގެ ނުރައްކާ ދެން އެންމެ ބޮޑުވެފައިވަނީ 135586 މީހުން ޕޮޒިޓިވްވެފައިވާ އިޓަލީވިލާތާ، 109069 މީހުން ޕޮޒިޓިވްވެފައިވާ ފަރަންސޭސިވިލާތް އަދި 107663 މީހުން ޕޮޒިޓިވްވެފައިވާ ޖަރުމަނުވިލާތުގައެވެ. މި ބަލީގައި އިޓަލީވިލާތުން 17127 މީހުންގެ ފުރާނަ ގެއްލިފައިވާއިރު، ފްރަންސޭސިވިލާތުން 10328 މީހުން އަދި ޖަރުމަނުވިލާތުން 2016 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.