ފާއިތުވީ 24 ގަޑިއެއްހާއިރު ތެރޭގައި އެގައުމުން މަރުވި 121 މީހުންނާއެކު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ މި ދުނިޔެއާއި ވަކިވެ ދިޔަ މީހުންގެ އަދަދު 4003 އަށް އަރާފައިވާކަމަށް އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ކިއާނޫޝް ޖަހާންޕޫރު ހާމަކުރައްވައިފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވާ ގައުމާ މުހާތަބުކުރައްވަމުން ޖަހާންޕޫރު ވިދާޅުވީ، ފާއިތުވީ 24 ގަޑިއެއްހާއިރު ތެރޭގައި 1997 މީހަކު މުޅިން އަލަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު އީރާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މި ވަނީ 64586 އަށް އަރާފައެވެ.

ޖަހާންޕޫރު ވިދާޅުވީ 29812 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ. ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 3956 މީހަކު އޮތީ ކުރިޓިކަލް ހާލެއްގައި ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19ގައި އީރާނުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދިޔަ ކަމުގައި ވީ ނަމަވެސް، ދުވަހުން ދުވަހަށް ލިބެމުންދާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އީރާނުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ދަނީ ދަށްވަމުންނެވެ. އާދީއްތަ ދުވަހު އީރާނުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 4.5 ޕަސެންޓް އިތުރުވިއިރު، މިއަދު މިއަދަދު ވަނީ 3.2 ޕަސެންޓްއަށް ދަށަށް ގޮސްފައެވެ.