މޯލްޑިވްސް ކޮވިޑް-19 އިމާޖެންސީ ރެސްޕޯންސް އެންޑް ހެލްތް ޕްރެޕެއާޑްނަސް ޕްރޮޖެކްޓްގެ ދަށުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ރައްކާތެރިވުމަށާ، މި ބަލި ދެނެގަނެ، މި ބައްޔާދ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ވޯލްޑް ބޭންކް ގުރޫޕުގެ ޑައިރެކްޓަރުންގެ ބޯޑުން ރުހުން ދީފިއެވެ.

މިމަޝްރޫއަކީ 7.3 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެއް ކަމަށް ވާލްޑް ބޭންކް ގުރޫޕުން މައުލޫމާތު ދެއެވެ.

އަވަސް އެހީގެ ގޮތުގައި ވޯލްޑް ބޭންކުން ފޯރުކޮށްދޭ 7.3 މިލިއަން ޑޮލަރުގެ ޕެކޭޖުގެ ދަށުން، ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށާ، އަމިއްލަ ސަލާމަތާ ރައްކާތެރިކަމަށް ބޭނުންކުރާ އާލާތްތަކާ، ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރާ ތަކެތި ހޯދުމަށާ، ބާރުބޮޑުވާ ހާލަތްތަކުގައިވެސް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދެވޭނެކަން ކަށަވަރުކުރުމަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާ، ކޮވިޑް-19 ދެނެގަތުމަށް މާލެއާއި އަތޮޅުތަކުގައިހުރި ލެބްޓްރީތަކުގެ ގާބިލިއްޔަތުކަން އިތުރު ކުރުމަށާ، ކޮވިޑް-19އަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރުމަށް ވާލްޑް ބޭންކް ގުރޫޕުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ވޯލްޑް ބޭންކް ގުރޫޕުން ބުނާ ގޮތުގައި ތޮއްޖެހިފައިވާ މާލޭ ސިޓީގައި ބަލިފެތުރިގެން ދިއުމުގެ ނުރައްކާ ބޮޑުއިރު، މި ޕެކޭޖުގެ ދަށުން މާލޭ ސިޓީއަށް ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ. އެގޮތުން އާންމުން ހޭލުންތެރިކުރުވުމާ، މުޖުތަމައުގެ އެއްބާރުލުން އިތުރުކުރުވުމާ، ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތަކަށް މީހުން އަހުލުވެރިކުރުވުމުގެ މަސައްކަތްތައްވެސް މިމަޝްރޫއުގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ.

ކުއްލި އެހީގެ ގޮތުގައި ފޯރުކޮށްދޭ 7.3 މިލިއަން ޑޮލަރުގެ އެހީގެ މަޝްރޫއުގެ އިތުރުން، ވޯލްޑް ބޭންކުންވަނީ 2019 ވަނަ އަހަރު ސޮއިކޮށް ކެޓް ޑީޑީއޯ އެއްބަސްވުމުގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ދޭނެކަންވެސް ހާމަކޮށްފައެވެ.

ވޯލްޑް ބޭންކުން ދިވެހިރާއްޖެއާ ސްރީލަންކާ އަދި ނޭޕާލްއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑައިރެކްޓަރު އައިޑް ސްވަރާއީ-ރިޑިހޯ ވިދާޅުވީ، އިތުރަށް ފޯރުކޮށްދޭ 10 މިލިއަން ޑޮލަރުގެ އެހީއަކީ ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ކުރިމަތިވާ ގޮންޖެހުންތަކާ ދަތިތަކުން އަރައިގަތުމަށްޓަކައި ފޯރުކޮށްދޭ އެހީއެއް ކަމަށެވެ.

މިމަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނީ ކޮވިޑް-19އާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ވޯލްޑް ބޭންކް ގުރޫޕުން ކަނޑައަޅާފައިވާ އަވަސް އެހީގެ ފެސިލިޓީގެ ދަށުން، ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓް އެސޯސިއޭޝަން (އައިއޭޑީ)އިންނެވެ. އަދި މިކަމުގައި ދިވެހިރާއްޖޭގެ ފަރާތުން އެއްބާރުލުން ދެމުންދާނީ މިހާރުވެސް މިޒިންމާ އަދާކުރަމުންދާ ދިވެހިރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާކަން ވާލްޑް ބޭންކް ގުރޫޕުން ފާހަގަކުރެއެވެ.

ކޮވިޑް-19ގެ ކުއްލި ކާރިސާއާއި ގުޅިގެން ގައުމުތަކަށް އެއްބާރުލުން ދިނުމަށް ވާލްޑް ބޭންކުންވަނީ 14 ބިލިއަން ޑޮލަރުގެ އަގުހުރި ޕެކޭޖެއް ބައިނަލްއަގުވާމީ ފެންވަރުގައި ތައާރަފުކޮށްފައެވެ. ވޯލްޑް ބޭންކް ގުރޫޕަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 168 މެމްބަރު ގައުމު ހިމެނޭ ގޮތަށް، ދެމެހެއްޓެނިވި ހައްލުތަކުގެ ޒަރިއްޔާއިން އިންތިހާ ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރަމުންދާ ބަވަނަވަންތަ، ބައިނަލްއަގުވާމީ އިއްތިހާދެކެވެ.