މިހާތަނަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވި މީހުންގެ ތެރެއިން، އެކި ގޮތްގޮތުން ފަރުވާ ހޯދާ، ޝިފާ ލިބިފައިވާ މީހުންގެ އަދަދު 3 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބަލިޖެހުނުކަމަށް ރިޕޯޓްކުރި މީހުންގެ ތެރެއިން 302209 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. މިއީ މިހާތަނަށް ބަލިޖެހުނު ކަމަށް ރިޕޯޓްކޮށްފައިވާ މީހުންނަށް ބަލާއިރު، ގާތްގަނޑަކަށް 79 ޕަސެންޓް މީހުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 209 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 1431973 އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ބެހޭ މާ ބޮޑު ހޯދުންތަކެއް ސައިންސްވެރިންނާ ސިއްހީ މާހިރުންނަށްވެސް އަދި ވަނީ ނުހޯދިއެވެ. ބަލިން ދިފާއުވަށް ވެކްސިންއެއްވެސް އަދި ކަށަވަރުވެފައި ނުވާއިރު، ބަލިޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ، އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ ކޮވިޑް-19އަށް ހާއްސަކޮށްގެންދޭ ފަރުވާތަކެއް ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައެވެ. މި ޓެސްޓުތައް ފަށާފައިވަނީ ވިލާތު ބައްރުގައެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް މީހުން ރަނގަޅުވެގެން ރިޕޯޓްކޮށްފައިވަނީ ބަލީގެ ފެށުން ކަމުގައިވި ޗައިނާއިންނެވެ. ޗައިނާއިން 77279 މީހަކު ރަނގަޅުވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، ބަލިޖެހުނު މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ރަނގަޅުވެފައިވާކަމަށް ރެކޯޑްތަކުން ދެން ދައްކަނީ އީރާންއެވެ. އިރާނުން 62589 މީހަކަށް ބަލިޖެހުނު ކަމަށް ރިޕޯޓްކޮށްފައިވާއިރު 27039 މީހަކު ރަނގަޅުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރަނގަޅުވީ 21% އެންނު.