މެލޭޝިއާގައި ތިބި ދިވެހިން އާއިލާތަކަށް ތެކެތި ފޮނުވުމަށް ހުޅުވާލި ފުރުސަތުގައި 7 ޓަނުގެ ތަކެތި ލިބިފައިވާކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ މިޑިއާ އޮފިޝަލް މޫސާ ވަސީމް ވިދާޅުވީ މެލޭޝިއާގައި ތިބި ދިވެހި އާއިލާތަކަށް ތަކެތި ފޮނުވުމަށް ހުޅުވާލި ފުރުސަތުގައި ގާތްގަނޑަކަށް ހަތް ޓަނުގެ ކެއާ ޕެކޭޖް، މެލޭޝިޔާގައި ތިބި ދިވެހިން ގެނައުމަށް މިހާރު ދަތުރު ކުރަމުން އަންނަ މޯލްޑިވިއަންގެ ބޯޓުގައި ފޮނުވާލާފައިވާނެ ކަމަށެވެ.
މެލޭޝިއާގައި ތިބި ދިވެހިން ގެންނަން ލިބުނު ހާއްސަ ހުއްދައާ އެކީގައި ރާއްޖޭގައި ދިރިއުޅެމުން ގެންދާ މެލޭޝިއާގެ ރައްޔިތުންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރަމުންދާ މީހުންނާއި، އެހެނިހެން ކަންކަމުގައި ރާއްޖެއަށް ދަތުރުކޮށްފައިވާ މީހުންގެ ތެރެއިން 30 މީހަކު ވަނީ މޯލްޑިވިއަންގެ ފްލައިޓުން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލެވިފައި ކަމަށް މޫސަ ވިދާޅުވިއެވެ.
މެލޭޝިއާގައި ތިބި ދިވެހިން އާއިލާތަކަށް ތެކެތި ފޮނުވުމަށް ހުޅުވާލި ފުރުސަތުގައި ކެއާ ޕެކޭޖްގެ ގޮތުގައި އެ ގައުމަށް ހަތް ޓަނުގެ ތަކެތި ފޮނުވާފައިވާއިރު، އެ ފުރުސަތުގައި ލަންކާއަށް ވަނީ 9 ޓަނުގެ ކެއާ ޕެކޭޖް ފޮނުވާފައެވެ.
ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ދިވެހި ސަރުކާރުން ދަނީ ބޭރުގެ ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން މޯލްޑިވިއަންގެ އެހީތެރިކަމާއެކު ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މޯލްޑިވިއަން އިން ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްފައެވެ. އަދި މިއަދު އިންޑިއާގެ ކޮޗިން އިން ރާއްޖެ އަންނަން ބޭނުންވި 189 މީހުން ވަނީ އަނބުރާ ރާއްޖެ ގެނެސްފައެވެ. މީގެއިތުރުން މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުންގެ ތެރެއިން 200 މީހުން ގެނައުމަށް މޯލްޑިވިއަންގެ ބޯޓެއް މިހާރު ވަނީ އެ ގައުމަށް ދަތުރު ފަށާފައެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމުންވެސް ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަށް މިމަހުގެ 11 ވަނަ ދުވަހު ގެންނާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.