ވެލައްސަރު ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގަނީ، އަރާފޭބުން މަނާ ކޮށްފި ކޮވިޑް19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް19 އަށް ޝައްކު ކުރެވިގެން ވެލައްސަރު ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގެމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ނަތީޖާ ލިބެންދެން އެ ރަށަށަށް އަރާފޭބުން ވަގުތީ ގޮތުން މަނާ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވެލައްސަރު ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވިގެން ބިދޭސީއެއްގެ ސާމްޕަލް ނަގާފައި ވާއިރު، ރާއްޖެއިން ދިޔަ ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމުން އެމީހާ ދިޔަ ދެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެޗްޕީއޭ އިން ބުނީ ރާއްޖެއިން ދިޔަ އެ ބިދޭސީ މީހާ ދެ ރިސޯޓަކަށް އެރި ކަމަށެވެ. އެގޮތުން އެމީހާ ދިޔަ ދެ ރިސޯޓު ކަމަށްވާ ޖޯލި މޯލްޑިވްސް އަދި ރ. ބޮޑުފުށި މިހާރު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން މަބްރޫކް މިރޭ ވިދާޅުވީ، ޕޮޒިޓިވް ވެފައިވަނީ އެދެރިސޯޓުގައި ވެސް މަސައްކަތް ކުރާ ބިދޭސީއެއް ކަމަށެވެ. މި ދެ ރިސޯޓުވެސް ހިންގަނީ އެއް މެނޭޖްމަންޓެއްގެ ދަށުން ކަމުން، އޭނާ އެ ދެރިސޯޓުގައި ވެސް މަސައްކަތް ކުރާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 19 މީހުންނެވެ. އެއީ 15 ބިދޭސީންނާއި ހަތަރު ދިވެހިންނެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ ހަމައެކަނި ހަތަރު ދިވެހިންނަށެވެ. އޭގެތެރެއިން 13 ބިދޭސީން ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.