މިއަދު އިންޑިއާއިން އައި 189 މީހަކު ކަރަންޓީން ކޮށްފައި ވާކަމަށް ކޮވިޑް19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު ޖުމްލަ 12 މީހުން ތިބި ކަމަށާއި، އަދި ކަރަންޓީން ފެސިލިޓީތަކުގައި 876 މީހުން މިވަގުތު ތިބި ކަމަށެވެ. އަދި އޭގެތެރޭގައި ހިމެނޭ 189 މީހުންނަކީ މިއަދު ކޮޗިނުން މާލެއައި މީހުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޮޗިނުން މާލެއަށް ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ސިއްހީ އެކި ފަރުވާ ހޯދުމަށް އިންޑިޔާއަށް ދަތުރުކުރި މީހުން ކަމަށެވެ. އަދި އެމީހުން އޮޅުވެއްޔަށް ގެންދިއުމާ އެކު، އޮޅުވެލީގަ ތިބި ނަރުހުންނާއި ޑޮކްޓަރުންގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިން އިން ރާއްޖެ އަންނަން ބޭނުންވި ދިވެހިން އަނބުރާ ގެނެސްފައި ވާއިރު މޯލްޑިވިއަން އިން ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100އަށްވުރެ ގިނަ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ. މީގެއިތުރުން މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް މޯލްޑިވިއަންގެ ބޯޓެއް މިހާރު ވަނީ އެ ގައުމަށް ދަތުރު ފަށާފައެވެ.