ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތް ކުރުމުގެ މަސައްކަތް އެވޯޑު ކުރާނެ އުސޫލެއް ކަނޑައަޅައިފިއެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރާއިރު ބިޑް ޑޮކިޔުމެންޓުގައިވާ ގޮތަށް އިވެލުއޭޓު ކުރުމުގެ އިތުރުން، އިތުރު ކަންތައްތަކަށް ރިއާޔަތް ކުރަން ނިންމާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ކުންފުންޏަކަށް މަސައްކަތް އެވޯޑު ކުރެވޭނީ އެ ގަވާއިދުގެ ދަށުން އެ ކުންފުންޏެއް ނިސްބަތްވާ ގްރޭޑަށް ބަލާފައި ކަމަށާއި، އާ އުސޫލުގައިވާ ޖުމްލަ އަގު ނުވަތަ ޖުމްލަ އަދަދަށް ވުރެ، އެވަގުތު އެ ކުންފުންޏަކުން ކުރަމުންދާ އިމާރާތް ކުރުމުގެ މަސައްކަތުގެ ޖުމްލަ އަގު ނުވަތަ އަގު އިތުރުނުވާ ނަމައެވެ. އޭގެއިތުރުން މަސައްކަތް އެވޯޑުކުރާ ފަރާތަކީ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ރަޖިސްޓާ ކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ޖުމްލަ އަގާއި އަދަދު ގުނުމުގައި ބަލާނީ ދައުލަތުގެ އިދާރާތަކުން އެވޯޑު ކޮށްފައިވާ އިމާރާތް ކުރުމުގެ މަސައްކަތްތަކަށް ކަމަށް ފިނޭންސް މިނިދސްޓްރީން ބުނެއެވެ. އެގޮތުން އެވޯޑުކުރާ މަސައްކަތުގެ ބީލަން ހުށަހަޅާ ތާރީހުގެ ކުރިން އެވޯޑް ކޮށްފައިވާ އަދި އެތާރީހާއި ހަމައަށް މަސައްކަތް ނިންމިކަމުގެ ސެޓްފިކެޓް ލިބިފައި ނުވާ މަސައްކަތްތައް ހިމަނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ. ނަމަވެސް އެ އުސޫލަށް އަމަލު ކުރާއިރު އާންމުކޮށް ބީލަމަށް ހުޅުވާނުލާ ކުރިއަށް ގެންދާ ބީލަންތައް ނުހިމަނާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.