އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ރޭގެ ވަގުތެއްގައި އައިސީޔޫއަށް ބަދަލު ކޮށްފިއެވެ. އޭނާ އައިސީޔޫއަށް ބަދަލު ކުރީ ކޮރޯނާވައިރަސް ޖެހިވަޑައިގެން ހުން ތިރި ނުވުމާއި ކެއްސާތީ ކަމަށް ހަބަރުތައް ބުނެއެވެ.

އުމުރުފުޅުން 55 އަހަރުގެ ބޮރިސް ޖޯންސަންއަށް ކޮރޯނާވައިރަސް ޖެހިވަޑައިގަތީ މީގެ 11 ދުވަސް ކުރިންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު އޭނާ ހުންނެވީ ސެލްފް އައިސޮލޭޝަންގައި ގެކޮޅުގައެވެ. ހޮސްޕިޓަލަށް ބަދަލުވެ ވަޑައިގަތީ 11 ދުވަސް ވީ އިރުވެސް ގަދަ ހުމާއި ކެއްސުން ހުރުމާއެކު، ބޮޑުވަޒީރުގެ ސިއްހީ ޓީމުގެ ލަފަޔާއެކުގައެވެ.

ބޮޑުވަޒީރު މިހާރު އޮންނެނީ ލަންޑަންގެ ހޮސްޕިޓަލެއްގައެވެ. ހަބަރުތައް ބުނާ ގޮތުން، ބޮޑުވަޒީރުގެ ފަރާތްޕުޅުން ނިންމަން ޖެހޭ ކަންކަން ނިންމުމަށް ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް އާ ވަގުތީ ގޮތުން ވަނީ ހަވާލު ކުރައްވާފައެވެ. އަދި ބޮޑުވަޒީރުގެ ސިއްހީ ހާލަތުގެ މައުލޫމާތު ރާނީ އަށް އަންގަމުން ގެންދާކަމަށްވެސް ހަބަރުތައް ބުނެއެވެ.

ބޮޑުވަޒީރު އައިސީޔޫގައި އެޑްމިތް ކުރުމުން ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ގިނަ ބަޔަކު ދަނީ ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

މިހާތަނަށް މުޅި ދުނިޔެއިން 1.3 މިލިއަން މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، އެ ބަލީގައި 74,779 މީހަކު ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހި 285,090 މީހުން ރަނގަޅުވެފައި ވާއިރު، 987,604 މީހުނަނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.