ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ފުޓުބޯޅަ ކުޅުންތެރިޔާ މަރުއޯނޭ ފެލައިނީއާ ކްލޯސް ކޮންޓެކްޓްވި ތިން ދިވެހިން ވެލިދޫ އައިސޮލޭޝަން ފެސިލިޓީން ދޫކޮށްލައިފި ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ފެލައިނީއާ ކްލޯސް ކޮންޓެކްޓުވި 3 މީހުން 14 ދުވަހުގެ އައިސޮލޭޝަން މުއްދަތު ހަމަކުރުމަށް ފަހު ދޫކޮށްލެވިފައި ވާ ކަމަށެވެ. 14 ދުވަހުގެ އައިސޮލޭޝަން މުއްދަތު ހަަމަކުރުމަށް ފަހު އެ މީހުން ދޫކޮށްލާފައި ވަނީ ދެފަހަރު ކޮވިޑަށް ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނެގެޓިވް ވުމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހަމައެއާއެކު ކުޑަ ބަނޑޮހާއި މަޑިވަރުގައި ކަރަންޓީން ކޮށްފައިވާ 60 މީހަކުވެސް ވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކުރުމަށް ފަހު ދޫކޮށްލާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި މީހުންވެސް ދޫކޮށްލީ ކޮވިޑަށް ޓެސްޓުކޮށް ޑަބަލް ނެގެޓިވް ވުމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން ކަރަންޓީން ފެސިލީޓީތަކުގައި ތިބި އިތުރު 41 ފަރާތެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އަދި އެފަރާތްތަކުގެ ނަތީޖާ ލިބި ނެގެޓިވް ވުމުން އެމީހުންވެސް މާދަމާ ދޫކޮށްލެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ހުރި އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީތަކުގައި މިރޭގެ 7:00 އާ ހަމައަށް ތިބި ޖުމްލަ މީހުންގެ އަދަދު މަބްރޫކް ހާމަކުރެއްވިއެވެ. އެގޮތުން އައިސޮލޭޝަންގައި ތިބީ ޖުމްލަ 12 މީހުންނެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި ތިބީ ޖުމްލަ 852 މީހުންނެވެ. ހަމައެއާއެކު މިއަދު ހަވީރު 4:00 އާ ހަމައަށް ނެގިފައިވާ ޖުމްލަ ސާމަޕަލްގެ އަދަދަކީ 1793 ސާމްޕަލް ކަމަށާއި ނެގެޓިވް ވެފައި ވަނީ 1774 ސާމްޕަލް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ލެބޯޓްރީގައި ނަތީޖާ ނުލީބޭ އެއްވެސް ސާމްޕަލް އެއް ނެތް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. ރާއްޖޭގައި މީހަރު މިބަލިން ރަނގަޅުވެފައި ވަނީ 13 މީހުންނެވެ. ނަމަވެސް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.