ކޮވިޑް19 އަށް ޓެސްޓުކުރެވޭ އިތުރު 50 ކިޓް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ. މި 50 ކިޓުން 5000 ޓެސްޓް ހެދޭނެއެވެ.
ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ފަރާތުން މި ޓެސްޓު ކިޓްތަކާއި ހަވާލުވެ ވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި ޑަބްލިއުއެޗްއޯގެ ފަރާތުން މި ޓެސްޓު ކިޓުތައް ހަވާލުކޮށްދެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ރިޕްރެޒެންޓެޓިވް ޑރ. އަރުވިންދު މަތުރު އެވެ.
ރާއްޖޭގައި ކޮވިޑް19 އަށް ޓެސްޓު ކުރުން އިތުރު ކުރުމަށްޓަކައި މީގެ ކުރިންވެސް ޑަބްލިއުއެޗްއޯއިން ވަނީ ދެ ފަހަރެއްގެ މަތިން ޓެސްޓު ކިޓުތައް ހަދިޔާކޮށްފައެވެ. އެގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ޑަބްލިއުއެޗްއޯއިން ވަނީ 50 ޓެސްޓު ކިޓު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި އޭގެ ކުރިން 10 ޓެސްޓު ކިޓު ވަނީ ހަދިޔާ ކޮށްފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގައި ކޮވިޑް19 އަށް މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޓެސްޓު ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 19 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން ދެމީހަކީ އިޓަލީގެ ދެ ފަތުރުވެރިން ނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 13 މީހަކު މި ބަލިން ރަނގަޅު ވެފައިވާއިރު، އޭގެތެރެއިން އަދިވެސް ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުން ނެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.